ޚަބަރު

އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރަންޖެހޭ އެއްވެސް ސަބަބެއްނެތް – ޕްރޮގްރެސިވް ކޯލިޝަން

ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރަންޖެހޭ އެއްވެސް ސަބަބެއް ފެންނާން ނެތްއިރު، އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށް ކުރެވެމުންދާ މަސައްކަތާއިމެދު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ދިވެހިރާއްޖޭގެ ވަކި ސަރަޙައްދެއްގައި ޤާއިމު ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އެކޯލިޝަނަށް ޤަބޫލު ކުރެވޭކަމަށެވެ.

ޢާންމު ގޮތެއްގައި ބޭރު ޤައުމެއްގެ އޮފީހެއް ނުވަތަ ކޮންސިއުލޭޓެއް ޤާއިމު ކުރުމަށް ޤައުމުތަކުގެ ސަރުކާރު ތަކުން ކުރަމުން ގެންދާ އާދަކާދައަށް ބަލާއިރު، އެކަމުގެ ރަސްމީ މަޝްވަރާތައް ދެ ޤައުމުގެ ދޭތެރޭ ކުރެވޭނެއެވެ. އަދި ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމު ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި އެ އޮފީހެއް ނިސްބަތް ވާ ޤައުމުގެ ރައްޔިތުން ގިނަ ޢަދަދަކަށް އޮފީސް ޤާއިމު ކުރެވޭ ސަރަޙައްދުގައި އުޅޭތީ އެފަރާތްތަކަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވުން އެއީ މައިގަނޑު އެއްސަބަބު ކަމުގައި ވަނީ ބެލެވިފައެވެ.

އެހެންކަމަށްވާއިރު، ރާއްޖޭގެ ވެރިރަށް މާލޭގައި ޤާއިމު ކުރެވިފައިވާ އިންޑިއާގެ ހައިކޮމިޝަން ގެ އިތުރުން، އިތުރު އެހެން ސަރަޙައްދެއްގައި އެޤައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނާން ނެތް އިރު، މިފަދަ ޙައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އަދި އެކަމުގައި ދިވެހި ސަރުކާރުން ޢަމަލު ކުރަމުން ގެންދާ ގޮތާ މެދު މިކޯލިޝަންގެ ކަންބޮޑުވުން ފާޅު ކުރަމެވެ.  މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

މީގެ އިތުރުންވެސް، އެފަދަ ނިންމުމެއް ނިންމަންވާނީ، އެފަދަ ހުށަހެޅުމެ ދިވެހި ސަރުކާރަށް ލިބި، އެކަމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެގައި ލިޔެވި ގެޒެޓް ކުރެވިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމުގައިވެސް އެކޯލިޝަނުން ޤަބޫލުކުރާކަމަށް ބުނެފައިވެއެވެ.

އަދި ހަމައެހެންމެ، މިފަހަކަށް އައިސް އިންޑިއާއާއި ރާއްޖެއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލް އާންމުކުރުމަށް ދިވެހި ސަރުކާރުން ފަސްޖެހުމާއި އެކަމުގެ ކަންބޮޑުވުންތައް ދިވެހި ރައްޔިތުން ނުހަނު ބޮޑަށް ފާޅުކުރަމުން ގެންދާ މިފަދަ ދަނޑިވަޅެއްގައި، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމުގެ ވާހަކަވެސް ޢާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން މިއައީ އެކަން ހިނގަންވާނެ އެންމެ ރަނގަޅު މަގުން ނޫންކަމުގައި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށްތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާކަމަށާއި، އަދި ރާއްޖޭގެ ތަރައްޤީއަށް އިސްކަންދީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށްވެސް މިފުރުޞަތުގައި ގޮވާލަމެވެ. ބަޔާނުގައި ވެއެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close