އިންޑިއާއިން ފެނުނު އާ ވޭރިއަންޓަށް “އިންޑިއަން ވޭރިއަންޓް” އޭ ކިޔާތީ އިންޑިއާ ރުޅިގަދަވެއްޖެ
އިންޑިއާއިން ފެނުނު އާ ވޭރިއަންޓަށް “އިންޑިއަން ވޭރިއަންޓް” އޭ ކިޔާތީ އިންޑިއާ ރުޅިގަދަވެއްޖެއެވެ.
އެގޮތުން ފޭސްބުކް، ޓްވިޓަރ އަދި އެހެނިހެންވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި “އިންޑިއަން ވޭރިއަންޓް” ބޭނުން ނުކުރުމަށް އިންޑިއާ ސަރުކާރުން އެދެފިއެވެ.
ރޮއިޓާރސް އާއި ޙަވާލާދީ ބޭރުގެ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ އިންޑިއާ ސަރުކާރުން މިގޮތަށް އެދިފައިވަނީ ނިއުސް އެޖެންސީ ތަކަށާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމް ނެޓްވޯކް ތަކަށް ފޮނުވާފައިވާ ސިޓީއެއްގައެވެ.
އިންޑިއާ ސަރުކާރުން ފޮނުވި ކަމަށްބުނާ ސިޓީ އަދި މީޑިއަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެސިޓީގައި ދައްކާފައިވާ ވާހަކަ ތައްކަމަށްބުނެ ބައެއް ވާހަކަތައްވަނީ ޢާއްމުވެފައެވެ.
“އިންޑިއާއިން އަލަށްފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓަށް ޑަބްލިއު އެޗްއޯއިން ޚާއްޞަ ޓަރމް އެއް ކަނޑައަޅާފައި ނުވާއިރު އަދި އެއީ ކޮންޤައުމަކުން ފެނުނުވޭރިއެންޓެއްކަމަށްވެސް ޑަބްލިއުއެޗްއޯއިން ކަނޑައެޅިގެން ބުނެފައިނުވަނީސް އެވޭރިއަންޓަށް “އިންޑިއަން ވޭރިއަންޓް” އޭ ކިޔައި ވަކިޤައުމަކަށް ނިސްބަތްވާގޮތަށް ނަމެއް ކިޔުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.” އެސިޓީގައި ބުނެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ވެއެވެ.
އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޯމޭޝަން މިނިސްޓްރީން ހުކުރު ދުވަހު ނެރުނު މި އެންގުމުގައި ބުނެފައި ވަނީ އިންޑިއާ ވޭރިއަންޓް އާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ސަރުކާރަށް ކުރެވެމުންދާ އިލްޒާމްތަކާ މެދު ކަންބޮޑުވާ ކަމަށާއި ބީ. 1. 617 ވޭރިއަންޓްއަކީ ކޮން ގައުމަކުން އުފަންވި ވޭރިއަންޓްއެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައި ނުވާ ކަމަށެވެ.
ސިއްހީ އޮފިޝަލުން ވިދާޅުވީ އިންޑިއާއިން ފެނުނު އާ ވޭރިއަންޓް އުފެދިފައިވަނީ ދެ މިއުޓަންޓް އެއްވެގެންނެވެ. މީގެ ކުރިން ދުނިޔޭގެ އެހެން ގައުމުތަކުން ފެނިފައިވާ ވޭރިއަންޓްތަކާ ހިލާފަށް އިންޑިއާއިން ފެނުނު ވޭރިއަންޓް ތަފާތު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އިންޑިއާގެ އެޕެޑެމިއޮލޮޖިސްޓުން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާއިން ފެނިފައިވާ އާ ވޭރިއަންޓުން މިހާތަނަށް ފެނިފައިވާ ދެ ވޭރިއަންޓްގެ އަސަރުވެސް ފެނެއެވެ.

