ޗެލްސީ މުހިއްމު މޮޅެއް ހޯދިއިރު ލިވަޕޫލުން ފުރުސަތު ނަގާލައިފި
އިނގިރޭސި ޕްރިރިމިއާރ ލީގުގެ ގަދަ 4 އަށް ވާދަކުރަމުން އަންނަ ޗެލްސީއިން މުޙިއްމު މޮޅެއް ހޯދި އިރު މިރޭހުގައި ވާދަކުރަމުން އަންނަ ލިވަޕޫލުން ފުސަތު ނަގާލައިފިއެވެ.
ޗެލްސީ އިން ރޭ މޮޅުވެފައިވަނީ ވެސްޓް ހޭމް ޔުނައިޓެޑާއި ކުޅެ 1-0 ލަނޑުންނެވެ. މި މޮޅާ އެކު ޗެލްސީން ވަނީ ހަތަރު ވަނާގައި ތިން ޕޮއިންޓުގެ ލީޑެއްނަގައިފަ އެވެ. ލީގު ޓޭބަލުގެ ގަދަ 4 އަށް 6 ޓީމެއް ވާދަކުރާއިރު މިޓީމުތަކުގެ މެދުގައިވަނީ ވަރަށްބޮޑު ވާދަވެރިކަމެއް އުފެދިފައެވެ. މިގޮތުން މިރޭހަށް ވާދަކުރާ ލެސްޓާ ތިން ވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 58 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް އަށް 55 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ޓޮޓެންހަމަށް 53 ޕޮއިންޓް ލިބިފައިވާއިރު، އަށް ވަނައިގައި އޮތް އެވަޓަންގެ އޮތީ 52 ޕޮއިންޓެވެ.
ވެސްޓް ހޭމް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 43 ވަނަ މިނިޓްގައި ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އެވެ.
ލިވަޕޫލާއި ނިއުކާސަލް އާއި ދެމެދު ރޭ ކުޅެވުނު މެޗުން މޮޅުވެގެން ގަދަ 4 ގެ ރޭހުގައި އެހެންޓީމުތަކަށް ޕްރެޝަރ ކޮށްލުމުގެ ފުރުޞަތު އެޓީމަށް ލިބިފައިވީނަމަވެސް އެންމެފަހު ސިކުންތު ކޮޅުގެ ތެރޭގައި ނިއުކާސަލްއިން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރުމުން ލިވަޕޫލަށްވަނީ އެފުރުސަތު ގެއްލިފައެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި މުހައްމަދު ސަލާހު ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ނަމަވެސް މެޗުގެ އެންމެފަހު ވަގުތު ކޮޅު ނިއުކާސަލްގެ ޖޯ ވިލޮކް ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ރޭގެ މެޗުގައި ލިވަޕޫލުގެ ސަލާޖެހި ގޯލާއިއެކު އޭނާ ވަނީ ލިވަޕޫލަށް މި ފަހަރު ލީގުގައި 20 ގޯލު ހަމަކޮށްދީ ރެކޯޑެއް ހަދާފަ އެވެ. ހަމަ މިއާއިއެކު ސަލާ ވެފައި މިވަނީ ޕްރިމިއާ ލީގުގެ ތިން ސީޒަނެއްގައި 20 ގޯލު ހަމަކުރި ލިވަޕޫލްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.



