ކުޅިވަރު

އިޓަލީ އާއި އިންގްލޭންޑަށް ފަސޭހަ މޮޅެއް

ވޯލްޑްކަޕް ކޮލިފައިންގައި ރޭ އިޓަލީ އާއި އިންގުލޭންޑުން ކުޅުނު މެޗުތަކުން ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ. ކޮލިފައިންގެ ފުރަތަމަ މެޗުންވެސް މޮޅުވެފައިވާ އިންގުލޭންޑު ރޭ މޮޅުވެފައިވަނީ އަލްބޭނިޔާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ. އަލްބޭނިޔާގެ ދަނޑުގައި ކުޅެވުނު މިމެޗުގައި އިންގުލޭންޑަށް ލަނޑުތައް ޖަހައިދިނީ މޭސަން މައުންޓާއި ހެރީ ކޭން އެވެ.

މަޝްޙޫރު ކޯޗް ރޮބާޓޯ މަންޗިނީގެ ކޯޗުކަމުގައި ތަފާތު މޮޅު ދައްކަމުން އަންނަ އިޓަލީ ވެސް ވަނީ ކޮލިފައިންގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ރޭ އެ ޓީމުން ވަނީ ބަލްގޭރިއާ އަތުން 2-0 އިން މޮޅުވެފަ އެވެ. އިޓަލީގެ ގޯލުތައް ޖެހީ އަންދްރެއާ ބެލޮއްޓީ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެނުއަލް ލޮކަޓެލީ އެވެ.

ރޭކުޅެވުނު ކޮލިފައިންގެ އެހެން މެޗުތަކަށް ބަލާއިރު ވަރުގަދަ ސްކޮޑަކާއިއެކު ނުކުތް ސްޕެއިންވެސް ވަނީ ހަނިގޮތަކަށް ޖޯޖިއާ އަތުން ފަހުވަގުތު 2-1 ލަނޑުން މޮޅުވެފައެވެ.

މީގެ އިތުރުން ކަޒަކްސްތާން ދަނޑުގައި 2-0 އިން މޮޅުވެ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އިން ވަނީ މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ކޮލިފައިންގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހަފްތާގައި ޔޫކްރޭނާ ވަނީ އެއްވަރުވެފަ އެވެ. ފްރާންސް އިން ދެ ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ އޮސްމާން ޑެމްބެލޭ އެވެ. ދެން އެ ޓީމުން ޖެހި ގޯލަކީ ކަޒަކްސްތާންގެ ސާހީ މައިލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކޮލިފައިންގައި ރޭ ޖަރުމަން ކުޅުނު މެޗުން އެޓީމުވެސްވަނީ ރުމޭނިއާ ދަނޑުގައި 1-0 އިން މޮޅުވެ ކޮލިފައިންގެ ދެ ވަނަ މޮޅު ހޯދައިފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ ސާޖް ގްނަބްރީ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close