ޚަބަރު

ފަހުވަގުތަށް މަޑުނުކޮށް އަވަހަށް ރީ-ރަޖިސްޓްރީކުރައްވާ – އިލެކްޝަންސް ކޮމިޝަން

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ފަހުވަގުތަށް މަޑުނުކޮށް ރީރަޖިސްޓްރޭޝަނަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވައިފިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ރީރަޖިސްޓްރޭޝަންގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެއެވެ.

ބައެއް ފަރާތްތަކުގެ  ކަންބޮޑުވުން ތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިހާތަނަށް ބޭއްވުނު ހުރިހާ އިންތިޚާބެއްގައިވެސް ރީރަޖިސްޓްރޭޝަނަށް ދެނީ 10 ދުވަހުގެ މުއްދަތެއްކަމަށެވެ. މި އިންތިޚާބުގައިވެސް އިލެކްޝަނުން ދަނީ ރީރަޖިސްޓްރީއަށް ހުޅުވާލި ދުވަހުން ފެށިގެން ކޮމިޝަނަށް ލިބޭ ސައްޚަ ހުރިހާ ފޯމެއް ބަލައިގަނެ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ދެތިން ދުވަހު އެންމެ ފުރިހަމަ ތަރުޙީބެއް ލިބިގެން ނުދިޔަ ނަމަވެސް މިހާރު މަޑުމަޑުން ފޯމް ހުށަހަޅާ މިންވަރު އިތުރުވަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.  އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކާއި އާންމު ފަރުދުންވެސް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ މުއްދަތުގައި ފަހުވަގުތަށް ފޯމްތައް ހުށަހެޅުމަށް މަޑުނުކޮށް މިހާރުވެސް ހުރި ފޯމްތައް އިލެކްޝަންސްއަށް ހުށަހެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

ރީ-ރަޖިސްޓްރީވުމަށް ބާކީ 5 ދުވަސް އޮތްއިރު، އިއްޔެގެ ނިޔަލަށް އިލެކްޝަންސްއަށް ހުށަހަޅާފައިވަނީ 474 ފޯމުކަމަށް އެކޮމިޝަނުން ހާމަކުރައްވައެވެ. ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އަދި  އަދި 1414 އަށް އެސް.އެމް.އެސްކޮށްގެންވެސް މިހާރު ޗެކްކުރެވޭނެ ކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.

ކުރީ ފަހަރުތަކެކޭ އެއްގޮތަށް މި ފަހަރުވެސް ރި-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ “ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު” އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުންނެވެ. މާލޭ ސިޓީގައި ނަމަ، އިންތިޚާބާ ބެހޭ މަރުކަޒުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެކ ގޮތްގޮތުން ވަދަކުރައްވާ އެންމެހާ ފަރާތްތަކުން އަންނަނީ ރި-ރަޖިސްޓްރީ ވުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close