ކުޅިވަރު

ސިޓީއިން ކުލަބު ރެކޯރޑަކާއި އެކު ޓޭބަލުގައި ބޮޑު ލީޑެއް ނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 4-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން ވަނީ ބަލިނުވެ 28 މެޗު ހަމަކޮށް ކުލަބުގެ އާ ރެކޮރޑެއް ޤާއިމުކޮށް ޕޮއިންޓް ޓެބަލުގައި 15 ޕޮއިްނތްގެ ބޮޑު ލީޑެއް ނަގާފައެވެ. 

ސިޓީ އެއް ވަނައިގައި އޮތީ 27 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. މެޗުތައް ރޭވިފައިވާ ގޮތުން ސިޓީއިން ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ޔުނައިޓެޑާ ދެކޮޅަށެވެ.

ރާއްޖޭ ގަޑިން ރޭ 1.00 ގައި ކުޅެވުނު މެޗުގެ 15 ވަނަ މިނިޓްގައި ސިޓީން ލީޑުނެގީ ވުލްވްސްގެ ލެއޮންޑަ ޑެންޑޮންކާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއީ ރިޔާދު މާރޭޒް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެންޑޮންކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރޭގެ މެޗުގައި ފެނިގެން ދިޔަ ވުލްވްސްގެ ހަމަ އެކަނި ލަނޑު މެޗުގެ 61 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވުލްވްސްގެ ކެޕްޓަން ކޮނާ ކޯޑީ އެވެ.

ސިޓީން މޮޅުވި ގޯލުތައް ޖެހީ މެޗުގެ ފަހު ދިހަ މިނިޓާއި އިތުރު ވަގުތުގެ ތެރޭގަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ކައިލް ވޯކާ ނަގައިދިން ހުރަހަކުން ގަބްރިއެލް ޖީސޫސް ސިޓީ އަށް ލީޑުނަގައިދިނެވެ. މެޗުގެ 90 ވަނަ މިނިޓްގައި ވުލްވްސްގެ އޮވެން އޮޓްސާވީ އަތުން ގެއްލުނު ބޯޅައެއް ހޯދައި މާރޭޒް ވަނީ ސިޓީގެ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ ޖީސޫސް އެވެ.

އިނގިރޭސި ޕްރެމިއާރ ލީގުގައި މިރޭވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މި ދެމެޗުވެސް ފެށެނީ ރާއްޖޭ ގަޑިން ރޭގަނޑު 11.00 ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close