ކައުންސިލް އިންތިޚާބު އޮންނާނީ އެޕްރީލް 3 ނުވަތަ 10 ގައި
ކޮވިޑް-19 އާއި ގުޅިގެން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު އިންތިޚާބު ބާއްވާނެ ތާރީޚެއް މާދަމާ ކަނޑައަޅާނެ ކަމަށާއި، ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދެކެވިފައިވަނީ އޭޕްރީމް މަހުގެ 3 ވަނަ ދުވަހު ނޫނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބާއްވަން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކޮމިޝަންގެ ރައީސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި އިންތިޚާބު ބޭއްވުމަށްޓަކައި ދެ ތާރީޚަކާއި ގުޅޭގޮތުންމަޝްވަރާ ކުރެވުނު ކަމަށެވެ. އެއީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ނޫނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހެވެ.
މި ތާރީޚުތަކަށް ޤައުމީ ލަފާދޭ ކޮމިޓީން ތާއީދު ކުރާއިރު، ކަންބޮޑުވުންތަކެއްވެސް ވަނީ ފާޅުކޮށްފައެވެ. އެގޮތުން މިތާރީޚުގައި އިންތިޚާބު ބާއްވާއިރު، ޤާނޫނީ ގޮތުން އިންތިޚާބު ބާއްވަން ކެންޕެއިން ކުރުމާއި، އިލެކްޝަން އޮފިޝަލުން ތަމްރީން ކުރުމާއި، އެނޫންވެސް ހުރި ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިޚާބު ބޭއްވޭ ގޮތަށް ޤާނޫނަށް ގެނައި ބަދަލުތަކާއިކު އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުންދާކަމަށެވެ. އެންމެފަހުން ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގައި ކުރި މަޝްވަރާތަކުގައި އިންތިޚާބު ބޭއްވުމަށް މަޝްވަރާކުރެވުނު ތާރީޚުތަކަށް ބަލައި އިންތިޚާބު ބާއްވާނެ ދުވަހެއް މާދަމާ އިއުލާން ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޯވިޑްގެ ވެކްސިން ރާއްޖެއަށް ގެނެސް ވެކްސިންގެ މަރުހަލާތައް މިހާރު ރޭވިފައިވާގޮތުން ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ދިނުމަށްފަހު އިންތިޚާބު ޖޫންމަހު ބޭއްވުމަށް ޕާޓީތަކުން ވިސްނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. އިންތިޚާބު ބޭއްވުމަށް ގިނަ ގޮންޖެހުންތަކެއް ހުރިއިރު، އެޗްޕީއޭއިން އެކުލަވާލަންޖެހޭ ފައިނަލް ގައިޑްލައިން މިހަފްތާގައި އާންމުކުރާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބާއްވައިފިނަމަ ކޯޓުން އިންތިޚާބު ބާޠިލު ކުރުމުގެ ފުރުސަތު ބޮޑުވެ، ދައުލަތުން މިކުރާ ޚަރަދު އަލުން ކުރަންޖެހުމަކީ ގާތްކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

