ޚަބަރު ހިޔާ މަޝްރޫޢުއިން ފްލެޓްލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާއްމުކުރަނީ

ހިޔާ މަޝްރޫޢުއިން ފްލެޓްލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާއްމުކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިހިނގާ ޖެނުއަރީ މަސް ނިމުމުގެ ކުރިން ހިޔާ މަޝްރޫޢުގެ ފްލެޓްލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާއްމުކުރައްވާނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެމްބަރު ޠާހާ މުޙައްމަދު ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ މިމަސް ނިމުމުގެ ކުރިން ދާއިމީ ލިސްޓުތައް ޢާއްމުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި މިވަގުތުކުރަމުންދަނީ ޝަކުވާ ހުށައެޅުމަށް އަލުން ހުޅުވާލި ފުރުސަތުގައި ޢާއްމުންގެ ފަރާތުން ވަގުތީ ލިސްޓުތަކަށް ހުށައަޅާފައިވާ ޝަކުވާތައް ބަލާ ދިރާސާކޮށް ޖަވާބުދާރީވުމުގެ މަސައްކަތް ކަމަށް ޠާހާ ވިދާޅުވެއެވެ. މިމަސައްކަތް އެއްކޮށް ނިންމާ މިމަސް ނިމުމުގެ ކުރިން ހުރިހާ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުވެސް ޢާއްމުކުރެވޭނެކަމުގެ ޔަގީންކަން ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީއިން ދެއެވެ.

ފްލެޓުތަކުގެ ދާއިމީ ލިސްޓު ޢާއްމުކުރުމަށް މިދިޔަމަހުވެސްވަނީ ނިންމާފައެވެ. އެހެންނަމަވެސް ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓު މައްސަލަބަލާ ކޮމިޓީން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ޙާލަތުގެ ބައިން ޕޮއިންޓް ދީފައިވާ ގޮތުގެ މިންގަނޑު ކޮމިޓީން އިއުލާންކޮށްފައިވަނީ އެއް ކެޓަގަރީ ފިޔަވާ އެހެން ހުރިހާ ކެޓަގަރީތަކެއްގެ ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވުމަށްފަހު ކަމަށް ބުނެ ގިނަ ބަޔަކުވަނީ ޝަކުވާ ހުށައަޅާފައެވެ. އެހެންކަމުން އެކޮމިޓީންވަނީ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ދިރިއުޅުމުގެ ޙާލަތު ބަޔާންކުރާ ބައިން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުރިހާ ކެޓަގަރީއަކަށް ހުޅުވާލާފައެވެ. އަދި މިވަގުތު ކުރަމުން ގެންދަވަނީ މިމުއްދަތުގެ ތެރޭގައި އަލުން ހުށައަޅާފައިވާ ޝަކުވާތައް ބަލާ ޖަވާބުދާރީވުމުގެ މަސައްކަތްތައް ކަމަށް ފުލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން ވިދާޅުވެއެވެ.

ހިޔާ ފްލެޓުތަކުގެ މައްސަލަ ބޮޑުވެ މިމައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ފުލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީންވަނީ ފުލެޓު ދިނުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ހާމަކޮށްފައެވެ. އެގޮތުން ފްލެޓުތަކަށް ޕޮއިންޓް ދިނުމުގައި ހަރުދަނާ އުސޫލެއް ނެތްކަންވަނީ ފާހަގަވެފައެވެ. އަދި ދިރިއުޅުމުގެ ޙާލަތު ބެލުމަށް ބަލާނެ މިންގަނޑެއް އެކުލަވާލާފައިނުވާއިރު ޙާލަތު ގޯސްކޮށް ތިބި އެތައް ބަޔަކަށް ފްލެޓު ނުލިބި ޕޮއިންޓް ދަށުން ދީފައިވާކަންވަނީ ހާމަވެފައެވެ. ހިޔާ މަޝްރޫޢަކީ ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވަން މިދިޔަ ސަރުކާރުން 2017 ވަނަ އަހަރު އިޢުލާންކުރި މަޝްރޫއެކެވެ.

ޓެގް

ހިޔާމަޝްރޫޢު ފްލެޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.