ޚަބަރު

މައުމޫން، ނަޝީދަށް – ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ނިޒާމް ބަދަލެއް ނުވާނެ

ރޭ ކުރިއަށްދިޔަ ރައީސް ނަޝިދުގެ “އާސްކް ސްޕީކަރ”ގެ 2 ވަނަ ޕްރޮގްރާމްގައި ނަޝީދު ދެއްކެވި ވާހަކަ ފުޅަކަށް ކުރީގެ ރައީސް މައުމޫން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

މައުމޫން މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭގެ ޕްރޮގްރާމްގައި ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ނަޝީދު އަށް ރައްދު ދެއްވައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ.

“ދެ ފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ،” މައުމޫން ވިދާޅުވި އެވެ.

ރޭ ގެނެސްދިން “އާސްކް ސްޕީކާ” ޕްރޮގުރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ކަނޑައެޅުމަށް މަޝްވަރާކުރައްވާނީ ސިޔާސީ ކަންކަމުގައި އެމަނިކުފާނުގެ އެންމެ ފުރަތަމަ މަޝްވަރާކުރާ ބޭފުޅާއާ ކަމުގައެެވެ. އެއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮންނަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށެވެ. ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައީ ބަރުލަމާނީ ނިޒާމެއްގެ ވެރިކަން ކަމަށާއި، ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވީ ފާއިތުވެދިޔަ 20 އަށް އަހަރުގެ ތެރޭގައިކަމަށެވެ. އަދި މިކަން ބަދަލުކޮށް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ނޫނީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ނުލިބޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close