ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ މިދަނީ ބަލަމުން – ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ ކާޑު އެސޯސިއޭޝަންތަކާއެކު ބޭންކުން އަބަދުވެސް މޮނިޓަރކުރަމުންދާކަމަށާއި މިހާރު އެކަން ބަލަމުން ދާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މަޢުލޫމާތު އާންމުވެފައި ނުވާކަމަށް ބުނެ ބީއެމްއެލްއިން ބަޔާނެއް ނެރެފައިވާއިރު ބީއެމްއެލްގެ ކާޑުތަކެއްގެ މައުލޫމާތު އާންމުވެފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައިވަނީ އަޑުތަކެއް ފެރުތެރިފައެވެ.
މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބޭންކުގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އާންމުވެފައިވާކަމަށް ބޭންކަށް ފާހަގަކުރެވިފައިނުވާކަމަށެވެ. އެހެން ނަމަވެސް ބައެއްފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރޗަންޓުންނާއި އީކޮމަރސް މަރޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު އާންމުވާ ހާލަތުގައި ޑާރކް ވެބްގައި މި މައުލޫމާތުތައް ހާމަކޮށްފައި ހުންނަ ކަމަށެވެ.
އެގޮތުން ބީއެމްއެލްގެ ކާޑުތަކެއްގެ މައުލޫމާތު ހާމަވެފައިވެދާނެކަމަށް އެ ބޭންކުގެ ކާޑު ޕާރޓްނަރަކު މިދިޔަ ބުރާސްފަތިދުވަހު އަންގާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ ތެރޭގައި ބޭންކުން ދޫކޮށްފައިވާ ގާތްގަނޑަކަށް 350 ކާޑު ހިމެނޭކަމަށް އެ ބޭންކުން ބުނެއެވެ. އަދި އެ ކާޑުތައް ބްލޮކް ކޮށް އައު ކާޑު ހެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ބޭންކުން ބުނެއެވެ.
މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރާކަންވެސް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލްއިން ބުނީ މަރޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވިނަމަވެސް އެފަދަ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ކަސްޓަމަރުންނަށް ދޭކަމަށެވެ.


