ޚަބަރު ބޮޑެތި އިންވެސްޓްމަންޓްތަކާ ދެކޮޅަށް ފިތުނަ ނުފެތުރުމަށާއި ޤައުމީ މަސްލަޙަތު އިސްކުރުމަށް ހީނާ އިލްތިމާސްކުރައްވައިފި

ބޮޑެތި އިންވެސްޓްމަންޓްތަކާ ދެކޮޅަށް ފިތުނަ ނުފެތުރުމަށާއި ޤައުމީ މަސްލަޙަތު އިސްކުރުމަށް ހީނާ އިލްތިމާސްކުރައްވައިފި

ބޮޑެތި އިންވެސްޓްމަންޓްތަކާ ދެކޮޅަށް ފިތުނަ ނުފެތުރުމަށާއި ޤައުމީ މަސްލަޙަތު އިސްކުރުމަށް ހީނާ އިލްތިމާސްކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް އަންނަ ބޮޑެތި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި އިންވެސްޓަރުން ފައްސާލުމުގެ ބަދަލުގައި، ސިޔާސީ އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް އިސްކަންދެއްވުމަށް މިނިސްޓަރު ހީނާ ވަލީދު އިލްތިމާސް ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވަނީ، ސަރުކާރާމެދު ނުބައި ތަސައްވުރެއް އުފައްދައި އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލުމަށް ކުރާ މަސައްކަތްތަކުގެ ނޭދެވޭ އަސަރު މާޒީގައިވެސް ގައުމަށް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުއްﷲ ޔާމީންގެ ވެރިކަމުގައި ފާފު އަތޮޅުގައި ހިންގަން އުޅުނު ބޮޑު މަޝްރޫއު ހުއްޓިގެން ދިޔައީވެސް އޭރު އިދިކޮޅު ފަރާތްތަކުން ދެއްކި ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ހިތި ތަޖުރިބާތަކުން ފިލާވަޅު ލިބިގަތުމެއް ނެތި، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބައެއް ސިޔާސީ ބޭފުޅުން ވާހަކަދައްކަވަމުންދާތީ ހީނާ ވަނީ ފާޑުވިދާޅުވެފައެވެ. އަދި ގައުމަށް ފައިދާހުރި ބޮޑެތި އިންވެސްޓްމަންޓްތައް ފައްސާލަން މަސައްކަތްކުރުމަކީ އެފަދަ ބޭފުޅުންގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއުގެ އިގްތިސާދީ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އީގަލްސް ހިލްސްއިން އެ މަޝްރޫއުގައި ކުރާ އިންވެސްޓްމަންޓުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަކީ ރާއްޖޭގެ 179 ރިސޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސް އަދި 165 ސަފާރީން މިހާރު ލިބޭ ޖުމްލަ އާމްދަނީއަށްވުރެ ބޮޑު އަދަދެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މުޅި އިންވެސްޓްމަންޓް 13.7 ބިލިއަން ޑޮލަރަށް އަރާއިރު، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ގައުމުގެ ކުރިއެރުމަށް ހުރަސްއެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުން ހީނާ ވިދާޅުވީ، އިސްލާމީ ވަހުދަތާއި ދިވެހި ގައުމިއްޔަތު ހިމާޔަތްކުރުމަށް އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ރަސްމާލެ އިންވެސްޓްމަންޓަކީވެސް އެގޮތުގެ މަތިން ގައުމީ މަސްލަހަތު ފުރިހަމައަށް ރައްކާތެރިކުރެވިގެން ކުރިއަށްގެންދާ މަޝްރޫއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓެގް

ހީނާ ވަލީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.