ޚަބަރު

ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ކުރިފުރަތަމަ ކައިވެނި މިއަދު

ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ކުރިފުރަތަމަ ކައިވެނި މިއަދު ފެމިލީ ކޯޓުން ކޮށްދީފިއެވެ.

މިއީ އާންމު ސިއްޙަތުގެ ކުއްލި ނުރަކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުމަށް ނިންމިނިންމުމުގެ ދަށުން ކުރެވުނު ކައިވެންޏެކެވެ. އެ އުސޫލު އާއްމުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ކައިވެނި ކުރެވޭ ދެމީހުންނާއި ހެކިވެރިންނާއި އަދި ވަލީވެރިޔާ ވެސް ކޯޓަށް ނުގޮސް ކައިވެނިކުރެވޭނެ އިންތިޒާމް ހަމަ ޖެއްސުމަށްފަހު ފެމިލީ ކޯޓުން ފުރަތަމަ ކޮށްދީފައި ވަނީ ރުޖޫއަ ކައިވެންޏެކެވެ. މި ކައިވެނި ކޮށްދީފައިވަނީ މިއަދު ހަވީރުއެވެ. ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކައިވެނި ކުރުމުގެ ކަންކަން ދިޔައީ އިންތިޒާމްގެ ތެރެއިން ވަރަށް އޮމާންކޮށް ކަމަށާއި ނެޓްވޯކްގެ މައްސަލައެއްޖެހި ޑިސްކަނެކްޓްވުންފަދަ މައްސަލައެއްވެސް ނުޖެހޭ ކަމަށެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބާއްވައި ކައިވެނި އަގުދުކޮށްދިނުމުގެ އުސޫލުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމުގެ ކުރިން ކޯޓުން ދޭ އިގުރާރެއްގައި ކައިވެނިވެވޭ ދެ ފަރާތުންނާއި ވަލީވެރިޔާގެ އިތުރުން ދެ ހެކިން ސޮއިކޮށް ހުށައަޅަންޖެހެއެވެ.

މި ގޮތައް ކައިވެނިކުރާއިރު ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާން ޖެހޭ މީހުން ހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ހާޒިރީގައި ސޮއިކުރުމަށްފަހު ވަގުތުން ފޮނުވަންޖެހެއެވެ. އަދި މިގޮތައް ކުރެވޭ ކައިވެނީގެ މަޖލިސްތައްވެސް ކުރިއަށްދާނީ ޢާއްމު އުސޫލުން ކައިވެނީގެ މަޖިލިސްކުރިއަށްދާގޮތަށެވެ.

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ދައުލަތުގެ އޮފީސްތައްވެސް ބަންދުކޮށްފައިވާއިރު ފެމިލީ ކޯޓުން ކޮށްދެމުންދިޔަ ކައިވެނިތައް ކޯޓު ބަންދުވުމާ ގުޅިގެން އޮތީ މަޑުޖެހިފައެވެ. އެހެން ނަމަވެސް ކޯޓު ބަންދުވުމުގެ ކުރިން ކައިވެނިކުރުމަށް ހުށައަޅާފައިވާ ފަރާތްތައްވެސް ކައިވެނިކޮށްދިނުމަށް މިހާރު އެދުމުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ އުސޫލުގެ ދަށުން ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ވިދާޅުވެއެވެ.

ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖްތައް ވަނީ މިމަހުގެ 14 ނިޔަލަށް ބަންދުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close