ޚަބަރު

ވޯޓްފޮށި ބެހެއްޓޭވަރަށް ރަޖިސްޓަރ ކުރީ މަދު ރިސޯޓަކުން – އެލެކްޝަންސް

ކައުންސިލް އިންތިޚާބުގައި ވޯޓު ފޯށި ބެހެއްޓޭ ވަރަށް މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވަނީ ނިސްބަތުން މަދު ރިސޯޓްތަކަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި 53 ރިޒޯޓެއްގައި ރީ-ރަޖިސްޓަރ ކުރަން ފުރުޞަތު ހުޅުވާލިކަމަށެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ތެރެއިން ފެބްރުއަރީ 16 އިން 27 ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި 50 މީހުން ރަޖިސްޓްރީކޮށްފައިވަނީ ހަމައެކަނި 22 ރަށެއްގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި 33 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު މި އިންތިޚާބުގައި އަލުން ރަޖިސްޓްރީ ކުރަން ފުރުޞަތު ހުޅުވާލުމުން ސީލިން ހަމަވާ އަދަދަށް ރަޖިސްޓްރީ ކުރީ 16 ރިސޯޓުންކަމަށާއި، މިފަހަރު އަލަށް ވޯޓު ފޮށި ބެހެއްޓޭވަރަށް ރަޖިސްޓްރީކުރީ 6 ރިސޯޓަކުންކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އަލުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި 7 ރިސޯޓަކުން އެއްވެސް މީހަކު ރަޖިސްޓްރީކޮށްފައި ނުވާއިރު، ރަޖިސްޓްރީކުރި 22 ރިސޯޓުގެ ތެރެއިން ކޮންމެ ރިސޯޓަކުންވެސް ރަޖިސްޓަރ ކޮށްފައިވަނީ ޖުމްލަ 10 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިއާއެކު ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓްރީ ނުކުރާ ރިސޯޓުތަކުގައި މިފަހަރު ރަޖިސްޓިކުރި މީހުންނަށް ވޯޓުލުމަށް ބޭނުންވާ އެހެންތަނެއްގައި ރަޖިސްޓްރީކުރުމުގެ ފުރުޞަތު، މިމަހުގެ 6 އަދި 7 ގައި އަލުން ހުޅުވާލާނެކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ.

“ކުރީ އަހަރުތަކާއި އަޅާބަލާއިރު ރިސޯޓްތަކުގައި ރީރަޖިސްޓަރ ކުރުމުގެ ޝައުގުވެރިކަން ކުޑަކަން ފާހަގަކުރެވިފައިވޭ. ކަނދައެޅިފައިވާ އަދަދަށް ރަޖިސްޓަރ ނުވާ ފޮށިތަކުގައި ރަޖިސްޓްރީ ވުމަށް އެދިފައިވާ މީހުންނަށް އަލުން އެހެން ފުރުސަތެއް ރީރަޖިސްޓަރވުމަށްޓަކަިއ އަޅުގަނޑުމެން ހުޅުވާލާނަން، 6 ވަނަ ދުވަހު” ޝަރީފް ވިދާޅުވިއެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރީ ކުރުމަށް ފެބްރުއަރީ މަހު ހުޅުވާލި ފުރުޞަތުގައި 22000 މީހުން ރީރަޖިސްޓްރީކުރުމަށް ފޯމް ހުށައަޅާފައިވާކަމަށާއި، ރީރަޖިސްޓަރ ވާން ހުށައެޅި ފޯމްތައް މިއަދުގެ ނިޔަލަށް ޕްރޮސެސްކޮށް ނިންމާލެވޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

އަދި ރީ-ރަޖިސްޓްރީ ކުރި މިހުންގެ ލިސްޓަށް ޝަކުވާހުށާއެޅުމަށް މިމަހުގެ 10 އަދި 11 ގައި ހުޅުވާލާނެކަމަށާއި، އެހާހިސާބުން ކޮންމެ މީހަކަށްވެސް އެމީހަކު ވޯޓުލާންޖެހޭ ފޮށި ބަލާލެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. މިއާއެކު ފައިނަލް ވޯޓަރސް ރަޖިސްޓްރީ މިމަހުގެ 14 ވަނަ ދުވަހު އާންމުކޮށް، އެލިސްޓުގައި ކެނޑިޑޭޓުންނާއި، ކެނޑިޑޭޓުންގެ މަންދޫބުން ސޮއިކުރުން މިމަހުގެ 20 އިން 24 އަށް އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ވޯޓުލާ މަރުކަޒުތަކަށް އެލިސްޓް ފޮނުވަންފަށާނީ މިމަހުގެ 27 އިން ފެށިގެންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 545 ވަރަކަށް ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ވިދާޅުވެފައިވާއިރު، ވޯޓުފޮށިތަކުގެ ސީދާ އަދަދު ކަށަވަރުވާނީ ރީރަޖިސްޓްރޭޝަންގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީތަކަށް ޖުމްލަ 2435 މީހުން ކުރިމަތިލާފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ޖުމްލަ 980 ކައުންސިލަރުން މިފަހަރު އިންތިޚާބުކުރާނެއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުްނސިލް އިންތިޚާބުގައި 269562 މީހަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close