ޚަބަރު

ކޮރޯނާ ވައިރަހަށް ޝައްކުވާ މީހަކު ރާއްޖެއިން އަދި ނުފެނޭ – އެޗްޕީއޭ

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސްއަށް ޝައްކުވާ އެއްވެސް މީހަކު އަދި މިހާތަނަށް ރާއްޖެއިން ފެނިފައިނުވާކަމަށް ހެލްތް ޕްރޮޓަކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ރާއްޖެއިން ޗައިނާގެ ބައެއް ސިޓީތަކަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެމުންދާތީ މި ބަލި ދިވެހިރާއްޖޭގައި ފެތުރުނަ ނުދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ހެލްތު މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާމަލް ކެމެރާ ބަހައްޓައިގެން ކޮރޯނާ ވައިރަހަށް ސްކްރީންކުރުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގެ ހުރިހާ ޕޯޓްތައް ހިމެނޭހެން ޖުމްލަ 6 ތާމަލް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

މި ވައިރަހަށް ޕޮޒިޓިވްވާ ފަރާތްތައް ބެލެހެއްޓުމަށް ވަގުތީ އައިސޮލޭޝަން ސެންޓަރެއް ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ކަމަށާއި، މީގެ އިތުރުންވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވެސް އައިސޮލޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. އަދި މިބަލީގެ ހާލަތު މާބޮޑުވެއްޖެނަމަ އެކަމަށް ފަރުވާދިނުމަށް އައިޖީއެމްއެޗްގައިވެސް އައިސޮލޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޮނާވައިރަސް ފެތުރި ސާޅީހަށްވުރެ ގިނަ މީހުން މަރުވެ އެއްހާސް ދުއިސައްތައަށްވުރެ ގިނަ މީހުންނަށްވަނީ އެވައިރަސް ޖެހިފައެވެ. ޗައިނާގެ ވުއާން ޕްރޮވިންސުން ފެނިފައިވާ މި ވައިރަހަކީ ގައިންގަޔަށް އަރާ ވައިރަސްއެއްކަމަށް މިހާރުވަނީ ޢިއުލާންކޮށްފައެވެ.

އެހެންކަމުން ބަލިޖެހިފައި ހުރިމީހަކު ނޭވާލާ ނުވަތަ ކެއްސާ ކިނބިހިއެޅުމުގެ ސަބަބުން އެހެންމީހުންނަށް ބަލިޖެހޭނެއެވެ. މިބަލިން ރައްކާތެރިވުމަށް ބަލިމީހުން ކައިރިއަށް ނުދިޔުމަށާއި ގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހި އެޅުމުގައި އަނގަމަތި ބަންދުކުރުން ހިމެނެއެވެ. މި ވައިރަސް ފެނިފައިވަނީ ދޫނިސޫފާސޫފި އަދި ޖަނަވާރާއި ސީފުޑް ވިއްކާ ބާޒާރުތަކުންކަމަށްވުމުން އެފަދަ ތަންތަނަށް މިދުވަސްވަރު ނުދިޔުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close