ކެނދިކުޅުދޫއާއި މިލަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި
ނ. ކެނދިކުޅުދޫއާއި މިލަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. މި ދެ ރަށުގައިވެސް އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސަޢީދެވެ.
ފެނަކައިގެ އިސްވެރިން ނ.އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.އަތޮޅުގެ ބައެއް ރަށްރަށަށްވަނީ ވަޑައިގެންފައެވެ.
7.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނ.ކެނދިކުޅުދޫ އަލަށް ޢިމާރާތް ކުރަމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓޫ އެލް ކޮންސްޓްރަކްޝަންއާއެވެ. މިމަސައްކަތަކީ ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވުނު މަސައްކަތެކެވެ.
މީގެ އިތުރުން ނ. މިލަދޫގައި އިމާރާތްކުރާ އިންޖީނުގެއަކީ 5.5 މިލިއަން ރުފިޔާއަށް ޚަރަދުކޮށްގެން އިމާރަތްކުރާ އިންޖީނުގެއެކެވެ. ބީޗް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ނ. ކެނދިކުޅުދޫއާއި މިލަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ ތަކުގެ ބިންގާ އަޅާފައިވާއިރު، 30 ރަށެއްގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެނަކައިންދަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޖަނެރޭޓަރ ސެޓް ފޮނުވައިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


