ޚަބަރު

ކެނދިކުޅުދޫގައި ޕޮލިސްސްޓޭޝަނެއް ޤާއިމުކޮށްދެއްވުން އެދި ރައީސަށް ދަންނަވައިފި

ނ.ކެނދިކުޅުދޫގައި ޕޮލިސްސްޓޭޝަނެއް ޤާއިމުކޮށްދެއްވުން އެދި ރައީސަށް އެރަށު ކައުންސިލަރުން ދަންނަވައިފިއެވެ.

ކެނދިކުޅުދޫ ކައުންސިލުން ރައީސް އަރިހުގައި އެކަމަށް އެދިފައިވަނީ އެކައުންސިލުން އެދިގެން ރައީސުލް ޖުމުހޫރިއްޔާއާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކެނދިކުޅުދޫގެ ކުނި ނައްތާލުމުގައި ދިމާވާ ދަތިތަކާއި، އަތޮޅުގައި ހުރި އިޖްތިމާޢީ އެކި އެކި މައްސަލަތައް ޙައްލުކުރުމަށް ފުލުހުންގެ ޚިދުމަތް ބޭނުންވާ ކަމާއި ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމާއި، ބޭސް ފިހާރައިގެ ޚިދުމަތް 24 ގަޑި އިރު ނުލިބުމުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

އަދި ކެނދިކުޅުދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

ކައުންސިލަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކެނދިކުޅުދޫ ސްކޫލަށް ބޭނުންވާ ބައެއް ވަޞީލަތްތަކާއި، ރަށުގެ ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާތީދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ. މީގެއިތުރުން ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވިސްނުންތެރިކަމާއެކު ވީ އެންމެ އަވަހަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި ކެނދިކުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ޢިސާވެސް ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close