ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަކޮށް މާތް ނަބިއްޔާއަށް ކުޑައިމީސް ވާހަކަދެއްކުމުގެ ފުރުޞަތު ނުދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން – ރައީސް

މިޤައުމުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް މާތް ނަބިއްޔާއަށް ކުޑައިމީސް ވާހަކަދެއްކުމުގެ ފުރުޞަތު މި ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަމައެފަދައިން އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް ބިރުވެރިކަން އުފައްދައި މީހުން މެރުމަށްގޮވާ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް މިސަރުކާރުން ފުރުސަތު ނުދޭނެކަމުގައެވެ.

ކުރީގެ ސަރުކާރުތަކުން ފިޔަވަޅު ނޭޅިނަމަވެސް މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމުގެ ދިފާޢުގައި އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހުއްޓުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އަދުގެ ސަރުކާރުން ކުރައްވާނޭކަމަށްވެސް ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދިވެހިން މިއަދު ބަލައިގަނެ އަމަލުކުރަމުން މިދާ ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ ބޭނުން ނާޖާއިޒްގޮތުގައި ބައެއްފަރާތްތަކުން ހިފަމުންދިއުމުގެ ނޭދެވޭ ނަތީޖާ ޤައުމިއްޔަތާއި، އާއްމު ދިރިއުޅުމަށްވެސް ފޯރާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައެއް މީހުން މިނިވަން ކަމުގެ ނަމުގައި މާތްވެގެންވާ އިސްލާމް ދީނާއި، ކީރިތި ރަސޫލާއަށް ކުޑައިމީސްވާގޮތަށް ކަނޑައެޅިގެން ބަސްބުނަމުންދާކަމަށެވެ. އަދި ދީނީ މިނިވަންކަން ނެތުމަކީ އިންސާނީ ޙައްޤަކުން މަޙްރޫމް ކުރުންކަމުގައި ބުނަމުންދާއިރު ބައެއް ފަރާތްތަކުން ދީނުގެ ނަމުގައި ހައްދުފަހަނައަޅާގޮސް ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމުގައި ހިނގަމުންދާ މިފަދަ ނޭދެވޭކަންކަމަށް އެންމެން ގުޅިގެން ނޫނެކޭ ބުނަންޖެހިފައިވާކަމަށެވެ.

ރާއްޖޭގައި ހިނގަމުން މިދާކަންކަމަކީ އިއްޔެއަކު މިއަދަކު ހިނގަން ފަށާފައިވާ ކަންކަމެއްނޫންކަމަށާއި، މިއީ މީގެ އަހަރުތަކެއް ކުރިން ހިނގަން ފެށުނު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙްވަނީ މިއަދު މިކަމާއި ގުޅިގެން ޝުޢޫރު ފާޅުކުރައްވަމުންގެންދަވާ ސިޔާސީ ލީޑަރުން އެދުވަހު ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ޞާލިޙް ވިދާޅުވީ އެކަންކަން ފެށުނުއިރުވެސް ރާއްޖޭގެ ވެރިކަމުގައި ބަޔަކު ތިބިކަމަށާއި، އޭރު މިކަމަށް ފިޔަވަޅެއް ނާޅުއްވާތިއްބެވި ސިޔާސީ ލީޑަރުން މިއަދު އަޑުއުފުލަމުން ދިއުމުން އެފަރާތްތަކުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭކަމަށެވެ.

“އަޅުގަނޑު ޤާބޫލުކުރާ ގޮތުގައި ދައްކާ ވާހަކައަކުން ލިޔެލާ ލިއުމަކުން އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެއްކައުވަންތަ ކަމުގެ ޢަޤީދާ އަޅުގަނޑުމެންނާ ވަކިކޮށްލެވޭވަރަށްވުރެ އަޅުގަނޑުމެންގެ އީމާންތެރިކަން މާވަރުގަދަ. އަޅުގަނޑު ލޮބުވެރި ރައްތުތުންނަށް މިއަދު ޔަޤީކަން އަރުވަން ބޭނުންވަނީ މީގެ ކުރިން އޮތް ސަރުކާރުން ފިޔަވަޅު ނޭޅިއަސް، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤާއުމިއްޔަތުގެ ދިފާޢުގައި ކުރަންޖެހުނު ކޮންމެކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުން ހުއްޓުވުމައްޓަކައި ކުރަންޖެހުނު ކޮންމެކަމެއް މާތްﷲގެ ވާގިފުޅާއެކު މިސަރުކާރުން ކުރާނެކަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤާނޫނު އަސާސީން ލިބިދޭ މިނިވަންކަމަކަށް ސަރުކާރުން ހުރަސް ނާޅުއްވާނެކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ ދީނީ އިލްމުވެރިންނަށްވެސް މުޙިއްމު މެސެޖްތަކެއް ދެއްވާފައެވެެ. އެގޮތުން ރާއްޖޭގައި ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވުމަށާއި، އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރަތްތެރިކަމަށް ބުރޫއަރާފަދަ ކަންކަން މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުޞަތު ނުދެއްވުމަށްވެސް ރައީސްވަނީ ދީނީ އިލްމުވެރިންނަށް ގޮވާލައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމާއި، ސުލްހަވެރިން ދިވެހިންނާއި ބީރައްޓެހިވެގެން މިއުޅޭނީ ކީއްވެތޯ ސުވާލުއުފައްދަވާފައެވެ. ރައީސް ވަނީ ސިޔާސީ ފަރާތްތަކުން ރައްޔިތުން ހަމަޖެހިލައިގެން ދިރިއުޅުން ހޭދަކުރުމަށް ފުރުޞަތު ނުދެއްވަނީ ކީއްވެތޯވެސް ސުވާލުއުފައްދަވާފައެވެ. ރާއްޖެއަކީ އެންމެންގެވެސް ޤައުމުކަން ފާހަގަކުރައްވައި މުޖުތަމައުގެ މަސްލަހަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close