ޚަބަރު

ދަށުކޯޓްތަކުން ޖޭއެސްސީއަށް އައްޔަންކުރީ ޢަލީ ޝަރީފް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރާ ފަނޑިޔާރަކަށް ލ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފް ކާމިޔާބު ހޮވައިފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި އިންތިޚާބު ޢަލީ ޝަރީފް ކާމިޔާބުކުރެއްވީ 127 ވޯޓް ހޯއްދަވައިގެންނެވެ. ތިން ފަނޑިޔާރުން ވާދަކުރެއްވި މި އިންތިޚާބުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމަށް ލިބިވަޑައިގަތީ 37 ވޯޓެވެ. އަދި ގދ.ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ.

މިއަދު ހެނދުނު ނުވައަކުން ފެށިގެން ހަވީރު ފަހެއް ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށްދިޔަ މި އިންތިޚާބުގައި ވޯޓް ފޮށި ބަހައްޓާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކަޒު، ބާޖަމާލުއްދީނާއި، ރާއްޖޭގެ ކޮންމެ ސިޓީ އަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި ހުންނަ ކޯޓު އިމާރާތުގައެވެ. އެގޮތުން މުޅި ރާއްޖޭގައި ޖުމްލަ 21 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

ޖޭއެސްސީއަށް މެންބަރކު އިންތިޚާބުކުރުމަށް އިންތިޚާބު ބާއްވާފައިމިވަނީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު މިހާރު ޖޭއެސްސީގައި އިންނެވި މެންބަރު އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅުގެ ދައުރު މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ. މި އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޖޭއެސްސީގައި ތިއްބަވާނީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާއެކު 10 މެންބަރުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close