ބަންދު ދުވަސްތަކުގައި މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލައިފި
ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކާއި، ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބަންދު ދުވަސް ތަކުގައި މަސައްކަތަށް ނެރުން ހުއްޓާލުމަށް އެމިނިސްޓްރީން ނިންމައިފިއެވެ.
މިކަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ސްކޫލަތަކަށް ފޮނުވި ސަރކިއުލާއެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ކަނޑައަޅައި، ކަލަންޑަރ ކޮށްފައިވާ އާންމު ބަންދު ދުވަސްތައް (ޕަބްލިކް ހޮލިޑޭސް) އަދި ހުކުރު ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކާއި، ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލުމަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ.
އެހެންނަމަވެސް ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށްޓަކައި، ވަކި ސްކޫލަކަށް މަސައްކަތެއް މަތިކުރެވިއްޖެނަމަ އެމަސައްކަތަށް ބޭނުންވާ މުވައްޒަފުން މިނިސްޓްރީގެ ހުއްދައާއެކު ނެރުން އިސްތިސްނާވެގެންވާކަމަށް އެސަރކިއުލާގައިވެއެވެ.
ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އެންގިއިރު، މިހާރުވެސް ސްކޫލްތަކުގެ މުވައްޒަފުންގެ އިތުރުގަޑީ ފައިސާވަނީ ކޮންޓްރޯލް ކޮށްފައެވެ. ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތަކުގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް އަންލިމިޓެޑް ކޮށް އޯވަރޓައިމް އެލެވަންސް އޮންނައިރު ޓީޗަރުންނަށް ދެނީ އެންމެ 10 ޕަސެންޓެވެ.