ޚަބަރު

އިންތިޚާބުގައި 386 ބޭފުޅުން ވާދަކުރިއިރު މިހާތަނަށް ބަޔާން ހުށަހެޅީ 22 ބޭފުޅުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރިއިރު ކެނޑިޑޭޓުން ހުށައަޅަންޖެހޭކަމަށް ޤާނޫނުގައި ލާޒިމްކުރާ މާލީ ބަޔާން މިހާތަނަށް ހުށައަޅާފައި ވަނީ އެންމެ 22 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވާއިރު އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވަނީ، އިންތިޚާބުގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއްގެ މާލީ ބަޔާން އެ އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ހުށައަޅަންވާނެކަމަށެވެ.

އެ ބަޔާނުގައި ކެންޑިޑޭޓުކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި، އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްޞީލާއި، ކެންޑިޑޭޓަށް ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރު ހިމަނަންޖެހޭނެއެވެ. އަދި ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާންވާނެކަމަށް ޤާނޫނުގައި ބަޔަންކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މާލީ ބަޔާން ހުށައެޅޭނެ އެންމެ ފަހު ތަރީޚަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދަމު ބާރަ ޖަހަންދެންކަމަށެވެ.

އެ ބަޔާން ހުށަނޭޅުމަކީ ޤާނޫނީ ކުށެއްކަމަށާއި އެކުށުގެ އަދަބެއްގެ ގޮތުން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް އަކްރަމް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close