ޚަބަރު

ލަންދޫގައި އެމް،އެޗް ގެ ކެމްޕެއިން ޖަގަހައެއް ހުޅުވައިފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖްލިހަށް މަނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލްއުސްތާޛު މުޙައްމަދު ޙަލީމް ( އެމް،އެޗް ) ގެ ކެމްޕެއިންޖަގަހައެއް ލަންދޫގައިރޭ ހުޅުވައިފިއެވެ.

އެމް،އެޗް ކެމްޕެއިން ޖަގަހަހުޅުވުމުގެ ގޮތުން ރޭ އެރަށުގައި ބޭއްވި ޚާއްޞަޖަލްސާގައި މަނަދޫދާއިރާގެ ކެންޑިޑޭޓް ނަމްބަރ 2 އަލްއުސްތާޛު މުޙައްމަދު ޙަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެޖަލްސާގައިވާހަކަ ދައްކަވަމުން އެމް، އެޗް ވިދާޅުވީ އެމަނިކުފާނަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކަށްވާއިރު ތްރީލައިން ވިޕެއްގައި ޖެހި ތާށިވާން ނުޖެހޭނެކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާއެއް ވެދާނެ ކޮންމެ ކަމަކަށް ކޮންމެ ޕާޓީއަކުން ވަކާލާތުކުރިކަމުގައިވިޔަސް އެކަމެއްގައި އެމަނިކުފާނު އެއްބާރުލުން ދެއްވާ މަޖްލީހުގައި ވަކާލަތު ކުރައްވާނެކަމަށެވެ.

ރޭ ލަންދޫގައި ބޭއްވި ޖަލްސާގައި ލަންދޫގެ އިތުރުން އެދާއިރާގެ  އަނެއް ދެ ރަށްކަމުގައިވާ މާފަރާއި ، މަނަދޫގެ އެމްއެޗްގެ ސަޕޯޓަރުން ބައިވެރިވިއެވެ. އެރަށްރަށުގެ ސަޕޯޓަރުންގެ ފަރާތުން އެޖަލްސާގައިވަނީ ވާހަކަ ދައްކާފައެވެ. ދާއިރާގެ ކޮންމެ ރަށަކުންވެސް ސާފު އަޣުލަބިއްޔަތު އެމްއެޗްއަށް ހޯދޭނެކަމުގެ ޔަޤީންކަން އެރަށްރަށުގެ ފަރާތުން ވާހަކަ ދެއްކި މީހުން އެޖަލްސާގައިވަނީ ބުނެފައެވެ.

ލަންދޫ “ކަންދަހާރު – އެމްއެޗް ޖަގަހަ” ރޭ ރަސްމީކޮށްހުޅުވައިދެއްވީ މަނަދޫދާއިރާގެ ކެންޑިޑޭޓް ، އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރ 2 އަލްފާޟިލް މުޙައްމަދު ޙަލީމާއި، އޭނާގެ އަނބިކަނބަލުންނެވެ.

ރޭގެ ޖަލްސާއަށް ވަރަށްގިނަޢަދަދެއްގެ މީހުން ޙާޒިރުވެފައިވެއެވެ. މިއީ އަދި މިހާތަނަށް ސިޔާސީ ގޮތުން ލަންދޫގައި ބޭއްވުނު މިފަދަ ޖަލްސާއަކަށް އެންމެ ގިނަމީހުން ހާޒިރުވި ޖަލްސާކަމަށް ލަންދޫ މީހުން ބުނެއެވެ.

ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އެޕްރީލް މަހުގެ 6 ވާ ހޮނިރު ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close