ޚަބަރު ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ނަން މިއަދުން ފެށިގެން ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަދި ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް އެބޭފުޅުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ބަންދުކޮށްފައިވަނީ ވޯޓު ކަރުދާސްތައް ޗާޕުކުރުމަށް މިއަދު ބަޔަކާ ހަވާލުކުރުމާ ގުޅިގެން ކަމަށެވެ.  

އަންނަ އޭޕްރީލްމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް 389 ކެނޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ. ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ބަންދުކުރުމާ ހަމައަށް 3 ބޭފުޅަކު ވަނީ އެބޭފުޅުންގެ ނަން އަނބުރާ ގެންދަވާފައެވެ. އެހެންކަމުން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ޖުމްލަ ޢަދަދަކީ 386 އެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު، އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ފައިނަލް ވޯޓަރސް ލިސްޓުވެސް އާއްމުކޮށްފައެވެ. އެގޮތުން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރު ހާސް ފަސް ސަތޭކަ އަށްޑިހަ ނުވަ މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވެއެވެ. އަދި މުޅިން އަލަށް ދެ ހާސް ތިން ސަތޭކަ ތިރީސް ހަ މީހުންނަށް މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޓެގް

މަޖިލިސް އިންތިޚާބު 2019 އެލެކްޝަންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.