ސްރީލަންކާގެ ވިޔަފާރިވެރިންނާއެކު މަސައްކަތް ކުރުމަކީ ދާއިރާއަށް ލިބިގެންދާނެ ފަސޭހައެއް – ރައީސް ޞާލިޙް
ސްރީލަންކާގެ ވިޔަފާރިވެރިންނާއެކު މަސައްކަތް ކުރުމަކީ ވިޔަވާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ފަސޭހަތައް ލިބިގެންދާނެކަމެއްކަމަށާއި، ސްރީލަންކާ އާއި އެނޫންވެސް ބޭރުގެ އެހެން ޤައުމުތަކުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު އެމަނުކުފާނުގެ ސަރުކާރުގައި އަބަދުވެސް ފަހިވެފައި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްރީލަންކާ ޗެމްބަރ އޮފް ކޮމާސްގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖެއާއި ސްރީލަންކާއާދެމެދު އޮންނަ ޒަމާންވީ ގުޅުމެގެ ތެރެއިން ވިޔަފާރީގެ ދާއިރާގެ ގުޅުމަކީވެސް ވަރަށްދުވަސްވީ އަދި އެގުޅުން އިތުރަށް ކުރިއަރުވަންޖެހިފައިވާ ދާއިރާއެއްކަމަށެވެ.

ސްރީލަންކާގެ ވިޔަފާރިވެރިންނާއި، ދިވެހި ވިޔަފާރި ކުންފުނިތަކުގެ އިސްބައެއް ފަރާތްތަކުންވެސް ބައިވެރިވި މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އޮފް އިކޮނަމިކް ޑިވޮލޮޕްމަންޓް ފައްޔާޒް އިސްމާއީލް ވިދާޅުވީ، ސްރީލަންކާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެންވެސް ދާއިރާތަކުގައި އިންވެސްޓުކުރާ ޤައުމެއްކަމަށާ، ރައީސް ޞާލިޙާއެކު ލަންކާގެ ވިޔަފާރިވެރިން ބޭއްވި ބައްދަލުވުމަކީ އާފެށުމެއްކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ވިޔަވާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިންވަނީ މަޝްވަރާކޮށް ދެޤައުމުގައިހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރގެ އިތުރުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތުއަލީ ބައިވެރިވެވަޑައިގެންނެވިއެވެ.


