“އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ”ގެ ފުރަތަމަ ބައްދަލުވުން މާދަމާ އޮންނާނެ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަނެއްކާވެސް އުފެއްދެވި އިތުރުކޮމިޓީއެއް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދިނުމަށް އުފެއްދެވި “އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ” ގެ ފުރަތަމަ ބައްދަލުވުން މާދަމާ އޮންނާނެކަމަށް އެކޮމިޓީން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ މިއަދު އެކުލަވާލައްވާފައިވާއިރު، އެކޮމިޓީގެ ފުރަތަމަ ޖަލްސާ މާދަމާ ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އިންތިޚާބުގެ ޤަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ލަފާ ހޯދުމަށާއި، މަޝްވަރާކުރުމަށް “އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ” އެކުލަވާލުމުގެ ބާރު އެކޮމިޝަނަށް ލިބިދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގައި 21 މެންބަރުން ހިމެނޭކަމަށެވެ. އެއީ ކުރީގެ 6 ސިޔާސީ ޕާޓީ އާއި އަލަށް އުފެއްދި 2 ސިޔާސީ ޕާޓީގެ އިތުރުން 10 މުއައްސަސާއަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއްގެ މެންބަރެއްގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ޖަމްޢިއްޔާގެ މެންބަރެއްކަމަށެވެ.
މަޖިލީހުގެ އިންތިޚާބާއި ގުޅޭ ކަންކަމުގައި ލަފާދޭ ޤައުމީ ކޮމިޓީ އެކުލަވާލާފައިވާއިރު، އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.

