ޚަބަރު

ޕީއެންސީ ގެ ފަރާތުން އިންތިޚާބުގައި ވާދަކުރެވޭނެ – އީސީ

“ޕީޕަލްސް ނޭޝަނަލް ކޮންގްރެސް” ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، އެމްޑީޕީން ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވި ވާހަކަ ފުޅަކާގުޅިގެންނެވެ. ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ޔާމީން އެހެން ޕާޓީއަކަށް ވަޑައިގަތުމަށްފަހު ކުރިން މަޖިލީހުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ދެއްވި ފަރާތްތަކަށް އައު ޕާޓީގެ ނަމުގައި ވާދަނުކުރެވޭނެކަމަށާއި، އެއީ ޤާނޫނު ތަންދޭކަމެއް ނޫންކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ޕީއެންސީއަކީ ވުޖޫދަށް އައިސްފައިވާ ޕާޓީއެއްނޫންކަމަށާ، އެޕާޓީ އުފެއްދުމަށް ބޭނުންވާ ތިންހާސް މީހުންގެ ސޮއި ހަމަކުރިކަމަށް ބުނިނަމަވެސް އަދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ނުވާކަމަށެވެ. ތިންހާސް މީހުން ހަމަކޮށްފައި އީސީއަށް ހުށައެޅިނަމަވެސް އެ ފޯމްތައް ޕްރޮސެސްކުރުމަށް ވަގުތުނަގާނެކަމަށާއި، އެހެންކަމުން ޕީއެންސީގެ ފަރާތުން މަޖިލީހުގެ އިންތިޚަބުގައި ވާދަކުރެވޭނެކަމަށް ނުވަތަ ނުކުރެވޭނެކަމަށް ނިންމުން އަދި އަވަސްކަމަށެވެ.

ނަމަވެސް ތިންހާސް މީހުންގެ ސޮޔާއެކު ހުށަހަޅައި ޕާޓީ ރަޖިސްޓްރީވެއްޖެނަމަ އެޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނޯންނާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، ޕީޕީއެމުން މަޖިލީހުގައި ވާދަކުރާ ފަރާތްތަކަށް ޓިކެޓް މިހާތަނަށް ދީފައިވަނީ ޕްރައިމަރީއަކާ ނުލާކަމަށާއި، އަދި އެޕާޓީގެ ޕްރައިމަރީއެއް ބާއްވާފައި ނުވާކަމަށެވެ. އަދި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިން ފަރާތްތަކުގެ ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިނުވާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާޙުގައިވަނީ، ސިޔާސ ޕާޓީއެއްގައި ރަޖިސްޓަރ ކޮށްފައިވާ މެންބަރަކު، ޤާނޫނު އަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެއިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close