ޚަބަރު

ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރާނަން – ރައީސް ޞާލިޙް

ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލް ގެއްލޭ ފަދަ އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައުލޫމާތު މިއަދު ނޫސްވެރިންނާ ހިއްސާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިވީ ދުވަސްތަކުގައި އަސްކަރީ ބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއް އަދި އެއްވެސް ރަށެއް އެއްވެސް ގައުމަކަށް ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އަސްކަރީ އެއްބަސްވުމެއް ހެދި ކަމަށް ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް އެފަދަ އެއްވެސް އެއްބަސްވުމެއް އިންޑިއާ އާއި އެކު ގާއިމުކޮށްފައި ނުވާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ މައްސަލާގައި ރައީސް ވިދާޅުވީ ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެ ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އޭގެފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ އެއްބަސްވުން އާކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރާއިރު ދިވެހި ސަރުކާރުގެ އެއްވެސް ބާރެއް ނެތި އެކަން ކުރާ ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް މިސަރުކާރުގެ ވެރިކަމުގައި އިންޑިއާގެ ހެލިކޮޕްޓަރުތައް ކުރާ ކޮންމެ ދަތުރެއް ކުރެވޭނީ ސަރުކާރަށް އެނގިގެން ކަމަށެވެ. އަދި ބޭރުގެ އަސްކަރީ ފައުޖެއް ރާއްޖޭގައި ދާއިމަށް ގާއިމުވެ ތިބޭ ގޮތަށް މިސަރުކާރުން އެއްވެސް އެއްބަސްވުމެއް ނުހަދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ގެއްލޭ ފަދަ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބުނަމުން ދިޔަ ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވެސް ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމަކަށް އެއްބަސްވެފައި އޮވެދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ބޭރުގެ އެކިއެކި ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ޗައިނާއާ އެކު ހަދާފައިވާ “ބޮޑު އެއްބަސްވުން” އަދި ފެނިފައި ނުވާ ކަމަށްވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ރައީސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އޮފީހުގައި އެމަނިކުފާނު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close