ޓިކްޓޮކް މެދުވެރިކޮށް އާންމުންގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ފައްޔާޙް ހަސަން (ދޮންކަލޯ) އަށް ރައްކާތެރި ބޯހިޔާވަހިކަމެއް ގާއިމުކޮށްދިނުމަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ ޚާއްޞަ ފަންޑްރެއިޒިންގ ހަރަކާތުގައި 1.2 މިލިއަން ރުފިޔާ ހޯދައި، ދޮންކަލޯގެ އާއިލާއަށް ބޮޑު އުފާވެރިކަމަކާއި އައު އުންމީދެއް ހޯދައިދީފިއެވެ. މިއީ ރާއްޖޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަ އިޖުތިމާއީ ކަމަކަށް އެންމެ ގިނަ ފައިސާ އެއްކުރެވުނު ތާރީޚީ ހަރަކާތެވެ.
ބ. ހިތާދޫގައި އިމާރަތްކުރަމުންދާ ދޮންކަލޯގެ ގެ ނިންމުމަށްޓަކައި ކުރިއަށްގެންދިޔަ މި ލައިވް އިވެންޓްގެ ތެރެއިން އެއްމިލިއަން ދެލައްކައަށްވުރެ ގިނަ ރުފިޔާ ސީދާ އެހީގެ ގޮތުގައި ލިބިފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ޓިކްޓޮކްގެ އަގުހުރި ގިފްޓްތައްވެސް ފޮނުވާފައެވެ. މުޅި ލައިވް ސެޝަން ކުރިއަށްދިޔަ އިރު މެދުކެނޑުމެއްނެތި 12,000 އަށްވުރެ ގިނަ މީހުން ލައިވް ބަލަމުންދިޔައިރު، އެންމެ ގިނައިން މީހުން ވަދެފައިވާ ވަގުތުތަކުގައި 14,000 އަށްވުރެ ގިނަ ބެލުންތެރިން ބައިވެރިވެފައިވެއެވެ.
މުޅި ރާއްޖޭގެ ސަމާލުކަން ހޯދާފައިވާ ދޮންކަލޯއަކީ އޭނާގެ ބައްޕަ ފަޔާޒް ހަސަން، ޓިކްޓޮކްގައި ހިއްސާކުރަމުންދިޔަ އާއިލީ އޯގާތެރި ވީޑިއޯތަކުގެ ސަބަބުން ގިނަ ބައެއްގެ ހިތްތަކުން ޚާއްޞަ ޖާގައެއް ހޯދި ކުއްޖެކެވެ. ބައްޕަގެ ބެލުމުގެ ދަށުން ބ. ހިތާދޫގައި ދިރިއުޅެމުންދާ ދޮންކަލޯއަށް އޭނާގެ ބައްޕަ ބަހައްޓާ ޚާއްޞަ ލޯތްބާއި، އޯގާތެރިކަމާއި، އަދި އަޅާލުން ފެނި، އެތައް ހާސް ދިވެހިންގެ ހިތްތަކުގައި އެ ދެބަފިންނަށް ވަނީ ޚާއްޞަ ލޯތްބެއް އުފެދިފައެވެ.
ކުޑައިރު މަންމަގެ ބެލުމުގެ ދަށުގައި އުޅުމަށްފަހު ބައްޕަގެ ކައިރިއަށް ބަދަލުވެގެން ދިރިއުޅެމުންދާ ދޮންކަލޯއަށް އެކަށީގެންވާ ދިރިއުޅުމުގެ މާހައުލެއް ގާއިމުކޮށްދިނުމަށް ބައްޕަ ފަޔާޒް ފަށާފައިވާ ގޭގެ މަސައްކަތް މާލީ ދަތިތަކާ ހުރެ ހުއްޓިފައިވަނިކޮށް، ޓިކްޓޮކް ކޮމިއުނިޓީގެ އިސްނެގުމާއެކު ބޭއްވި މި ފަންޑްރެއިޒިންގއަކީ ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެހީތެރިވުމުގެ ރޫޙު އާދަޔާޚިލާފު މިންވަރަކަށް ދައްކުވައިދިން ކާމިޔާބު ހަރަކާތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...