ސަޢުދީ ޢަރަބިއްޔާގެ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ މުހިންމު ބަނދަރެއް ކަމަށްވާ ޔަންބޫ ޕޯޓަށް ޔަމަނުގެ ޙޫތީން ދިން ވަރުގަދަ ޙަމަލާއެއްގެ ސަބަބުން އެތަނުގައި ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގަމުންދާކަން ހާމަވެއްޖެއެވެ. މި ހާދިސާގެ ސަބަބުން އަރަމުންދާ ދުމާއި އަލިފާނުގެ މަންޒަރުތައް ފެންނަ ގިނަ ވީޑިއޯތަކެއް މިހާރު ދަނީ މީސްމީޑިއާގައި އާންމުވަމުންނެވެ.
ނާސާގެ ފަރމްސް ސެޓެލައިޓުން ނަގާފައިވާ މަންޒަރުތަކަށް ބަލާއިރު، ބަނދަރުގެ ތެޔޮ ރައްކާކުރާ ތާނގީތައް ހުންނަ ސަރަޙައްދުގައި އަލިފާން ރޯވެފައިވާކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ. މި ހާދިސާއާ ގުޅޭ ރަސްމީ ސެޓެލައިޓް ފޮޓޯތައް އަދި މިހާތަނަށް އާންމުކޮށްފައި ނުވި ނަމަވެސް، އަލިފާންގަނޑު ފެތުރެމުންދާކަން ވަރަށް ސާފުކޮށް އެނގެން ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ އީރާނުގެ ކޮންޓްރޯލް އޮންނަ ހުރްމޫޒް ކަނޑުއޮޅި ބޭނުންނުކޮށް، ސަޢުދީން ތެޔޯ އެކްސްޕޯޓުކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އަދި އެންމެ ފަހުގެ މަގެވެ. ޙޫތީންގެ މި ޙަމަލާއަކީ ސަޢުދީގެ ތެލުގެ އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުމުގެ ބޭނުމުގައި ޔަމަނުން ހިންގަމުންދާ ފުޅާ ކެމްޕޭނުގެ ދަށުން ދިން ޙަމަލާއެކެވެ.
ތެލުގެ މުއްސަނދިކަން ހިމާޔަތްކުރުމަށްޓަކައި ސަޢުދީން ވަނީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ޚަރަދުކޮށް، ވަރުގަދަ އަސްކަރީ ނިޒާމުތައް ޤާއިމުކޮށްފައެވެ. ނަމަވެސް އެމެރިކާގެ މަދަދާއެކު ހޯދާފައިވާ ޒަމާނީ މަތިންދާބޯޓުތަކާއި ޕޭޓްރިއަޓް މިސައިލް ސިސްޓަމްތައް ބޭނުންކޮށްގެންވެސް، ޔަމަނުން ފޮނުވާލި ޑްރޯން ޙަމަލާއެއް ދިފާޢުކުރުމުގައި ސަޢުދީން ވަނީ ނުކުޅެދިފައެވެ. މިއާއެކު ސަޢުދީން ތެޔޯ އެކްސްޕޯޓުކުރަން އޮތް އެންމެ މުހިންމު ލައިފްލައިން މިވަނީ އަލިފާނުގެ ތެރެއަށް ހުށަހެޅިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...