ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި މި ހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް މާލެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިއީ 2022 ނޮވެމްބަރު މަހު އެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށްވާތީ، މިއީ ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި މި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ބޮޑުވަޒީރާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ އަދި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅުދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، ދެ ޤައުމުގެ މަޞްލަޙަތު ހުރި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ޚާއްޞަ ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ރަސްމީ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަކިވަކިން ބައްދަލުކުރައްވައި ދޭދޭ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާނެއެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، މަތީ ފަންތީގެ މިފަދަ ދަތުރުފުޅުތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ރަޙްމަތްތެރިކަން އިތުރަށް ފުންވެގެންދާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...