ލައިފްސްޓައިލް ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނާގެ ލަޤަބު ހޯދަން ކޮސްޓަރީކާގެ 119 އަހަރުގެ މީހަކު ކުރިމަތިލައިފި

ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނާގެ ލަޤަބު ހޯދަން ކޮސްޓަރީކާގެ 119 އަހަރުގެ މީހަކު ކުރިމަތިލައިފި

ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނާގެ ލަޤަބު ހޯދަން ކޮސްޓަރީކާގެ 119 އަހަރުގެ މީހަކު ކުރިމަތިލައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ ފިރިހެނާގެ ރަސްމީ ދަރަޖަ ހޯދުމުގެ ގޮތުން ކޮސްޓަރީކާގެ އުމުރުން 119 އަހަރުގެ ދަނޑުވެރިއަކު ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތުމަށް އެދިއްޖެއެވެ.

ކޮސްޓަރީކާގެ ޕެސިފިކް އައްސޭރިފަށާ ގާތްގަނޑަކަށް 20 މިނެޓުގެ ރާސްތާގައި އޮންނަ ސަރޑިނަލް އަވަށުގެ އާދައިގެ ލަކުޑި ގެއެއްގައި ދިރިއުޅޭ ހޯސޭ ފްލޮރޭސް އޭނާގެ ދުވަސްތައް މިހާރު ހޭދަކުރަނީ އަރާމުކުރުމުގައެވެ. އޭނާގެ ދިރިއުޅުމުގެ ބޮޑުބައި ދަނޑުވެރިކަމުގެ ބުރަ މަސައްކަތުގައި ހޭދަކޮށްފައިވާއިރު، މިއަދު އޭނާ ވަގުތު ހޭދަކުރަނީ ކާފަދަރިފުޅު ތައްޔާރުކުރާ ކެއުންތައް ކެއުމާއި، އޭނާއާއެކު އަތްހިފުމުގެ ކުޅިވަރުތައް ކުޅުމުގައެވެ.

ހޯސޭ ފްލޮރޭސްގެ ރަސްމީ އައިޑެންޓިޓީ ކާޑުގައި ވާގޮތުން އޭނާ ދުނިޔޭގެ އަލިކަން ދެކެފައިވަނީ 11 ޖުލައި 1907 ގައެވެ. އޭނާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ ފިރިހެނާގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، އޭނާގެ އުފަން ތާރީޚު ކަށަވަރުކުރުމުގެ މަސައްކަތް މާހިރުން މިހާރު ދަނީ ބަލަމުންނެވެ.

މިކަމާ ގުޅޭގޮތުން ނިކޯޔާ ޕެނިންސިއުލާ ބްލޫ ޒޯން އެސޯސިއޭޝަންގެ ބާނީ ޖޯޖް ވިންޑާސް ވިދާޅުވީ، ގިނީސް ވޯލްޑް ރެކޯޑްސް ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބަލައިގަންނަ ފެންވަރަށް ތާރީޚީ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް އެ ޖަމްޢިއްޔާއިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އުފަންދުވަހުގެ ލިޔުމާއި، ބެޕްޓައިޒްކުރި ސެޓްފިކެޓުގެ އިތުރުން، އޭނާ ބައްޕައަކަށްވި ދުވަސްވަރުގެ ލިޔުންތަކާއި އޭގެ ފަހުގެ މަރުހަލާތަކުގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް މިހާރު ވަނީ ޖަމާކޮށްފައެވެ. އެ ލިޔުންތައް މުރާޖަޢާކޮށް ނިމުމުން ރަނގަޅު ޚަބަރެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރޑިނަލް އޮންނަނީ ދުނިޔޭގައި މީހުން ދުޅަހެޔޮކަމާއެކު އާދަޔާޚިލާފަށް ދިގު އުމުރެއް ވޭތުކުރާ އަދި 100 އަހަރުން މަތީގެ މީހުން ގިނަ ފަސް ސަރަޙައްދުގެ ތެރޭގައި ހިމެނޭ “ބްލޫ ޒޯން” ސަރަޙައްދެއް ކަމަށްވާ ނިކޯޔާ ޕެނިންސިއުލާގައެވެ. މި ސަރަޙައްދުގެ ރައްޔިތުންނަށް ދިގު އުމުރެއް ލިބުމުގެ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ކެލްސިއަމާއި މެގްނީޒިއަމް އެކުލެވޭ ފެނާއި، ޒުވާރިއާއި ތޮޅީގެ ބާވަތްތަކަށް ބަރޯސާވެފައިވާ ކާނާއާއި، ކަސްރަތު ލިބޭ ބުރަ މަސައްކަތްތަކުގެ އިތުރުން އާއިލީ އަދި އިޖުތިމާޢީ ގާތް ގުޅުންތަކެވެ. އަދި އޭގެ އިތުރުން މީހުންގެ ހިތްތަކުގައިވާ ރޫޙާނީ ވަރުގަދަ ޢަޤީދާއާއި، ދިރިއުޅުމުގައި ސްޓްރެސް ކުޑަކޮށް ހަމަޖެހިގެން އުޅޭ އުޅުންވެސް ހިމެނެއެވެ.

ހޯސޭ ފްލޮރޭސް ބަލަހައްޓަމުން އަންނަ އޭނާގެ ކާފަދަރިފުޅު ހެލެން ފްލޮރޭސް ބުނިގޮތުގައި، ކާފަ މިހާރު ދިރިއުޅެނީ ވަރަށް ހިތްހަމަޖެހިގެން އުފަލުގައެވެ. ދޭތެރެ ދޭތެރެއިން މާޒީގެ ހަނދާންތައް އާކޮށް މަޖާ ވާހަކަތައް ދައްކާ ކަމަށާއި، ދިގު އުމުރެއްގެ ސިއްރަކީ ޢާއިލާ ކަމަށް ކާފަ ބުނާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އަދި ލޯތްބާއި ކުލުނާއި އަޅާލުން ނެތްނަމަ ކާފަ މިއަދު ދުނިޔޭގައި ނުހުންނާނެ ކަމަށާއި، މި ރެކޯޑް ލިބިއްޖެނަމަ އެއީ ޢާއިލާގެ އިތުރުން މުޅި ޤައުމަށްވެސް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް ކަމަށް ހެލެން ބުންޏެވެ.

ހޯސޭ ފްލޮރޭސްގެ ދަރިފަސްކޮޅުގައި 8 ދަރިންނާއި، 23 ކާފަދަރިންނާއި، 25 މުނިކާފަދަރިން ހިމެނެއެވެ.

ދުނިޔޭގައި މިހާރު ދިރިހުރި އެންމެ ދުވަސްވީ މީހާގެ ރެކޯޑް މިވަގުތު އޮތީ އިނގިރޭސިވިލާތުގެ ހެމްޕްޝަޔަރަށް ނިސްބަތްވާ އެތެލް ކެޓަރހަމްގެ އަތުގައެވެ. 21 އޯގަސްޓް 1909 ގައި އުފަންވި އެތެލް ވަނީ 2026 ވަނަ އަހަރު އޭނާގެ 117 ވަނަ އުފަންދުވަސް ފާހަގަކޮށްފައެވެ. އޭނާއަށް އެންމެ ދުވަސްވީ މީހާގެ ޝަރަފު ލިބުނީ ކުރިން އެ މަޤާމުގައި ހުރި ބްރެޒިލްގެ ފާދިރީ އަންހެނެއް ކަމަށްވާ އީނާ ކަނަބާރޯ ލޫކަސް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ނިޔާވުމާ ގުޅިގެންނެވެ.

ޓެގް

ކޯސްޓަރިކާ ދުނިޔޭގެ ރެކޯޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.