ގަވައިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ހުޅުވާލި ހާއްސަ ހޮޓްލައިނަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، އެ މައުލޫމާތުތަކުގެ އަލީގައި ފުލުހުން ފިޔަވަޅު އަޅަން ފަށައިފިއެވެ. އެގޮތުން ލިބުނު ރިޕޯޓްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް އެކަކު ހައްޔަރުކޮށް، ގިނަ ބައެއްގެ މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެ ހޮޓްލައިނަށް މިހާތަނަށް 65 މެސެޖެއް ވަނީ ލިބިފައެވެ. އެ މެސެޖުތަކުގެ ތެރޭގައި ހިމެނެނީ ބޭރު ފައިސާގެ ވަގު ވިޔަފާރީގައި ހަރަކާތްތެރިވާ 27 ބިދޭސީއަކާއި، ހުއްދަ ނެތި ފައިސާ މާރުކުރާ 18 ތަނެއްގެ އިތުރުން، ބޮޑު އަގުގައި ޑޮލަރު ވިއްކާ ހަތަރު ތަނެއްގެ މައުލޫމާތެވެ. މީގެއިތުރުން ވަގަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ އޮންލައިން 16 ޕްލެޓްފޯމެއްގެ މައުލޫމާތު ވެސް ވަނީ ފުލުހުންނާ ހިއްސާކޮށްފައެވެ.
މި މައުލޫމާތުތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީއަކު މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ރިޕޯޓްކޮށްފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތުތައް ވެސް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކަށަވަރުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އާންމު މަސްލަހަތާ ގުޅިފައިވާ މިފަދަ ބޮޑު މައްސަލައެއްގައި ރައްޔިތުންގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން މި އޮޕަރޭޝަން ވަރުގަދަކޮށްފައި މިވަނީ، ގަވައިދާ ހިލާފަށް ހިންގާ ބޭރު ފައިސާގެ މުއާމަލާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެންނެވެ. އެ ފިޔަވަޅުތަކުގެ ތެރެއިން، މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި މަހުގެ އެއްވަނަ ދުވަހު ވަނީ “ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް” ގެ އޮފީސް ވެސް ރެއިޑްކޮށްފައެވެ.
ނައިޑް އިންވެސްޓްމެންޓަކީ ރ. އަތޮޅުގައި ހިންގާ ފުރަވެރި މޯލްޑިވްސް ރިސޯޓުގެ އިތުރުން، ނިޔާޒް ސްޓޯރާއި ޕޭޖް ހާޑްވެއާ އަދި ނައިޑްގެ ނަމުގައި ހިންގާ އެހެން ވިޔަފާރިތަކާ ވެސް ގުޅުން އޮންނަ ކުންފުންޏެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...