ޕެންޝަން އޮފީސް ހިންގުމުގެ އެންމެހައި ކަންކަން އެ ތަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ ބާރުގެ ދަށަށް ދޫކޮށްލުމާއެކު، އެ އޮފީހުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ އަދަދު ނުވައަކަށް އިތުރުވާ ގޮތަށް ގަވަނަންސް ކޯޑު އިސްލާހުކޮށްފިއެވެ. ގެޒެޓުކުރި އާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިދާރީ ގޮތުން ދުވަހުން ދުވަހަށް ނިންމަންޖެހޭ ނިންމުންތަކާއި ސިޔާސަތުތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރު ދެން އޮންނާނީ ސީއީއޯގެ ބެއްލެވުމުގެ ދަށުންނެވެ.
މި އިސްލާހުގެ ދަށުން ބޯޑުގެ އެކުލެވުމަށް ބަދަލު ގެނެސް، އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ފަސް މެންބަރަކާއި، ބޯޑުގެ ޗެއާޕާސަންގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ތިން ވުޒާރާއަކުން ސީނިއާ ސިވިލް ސާވިސް މުވައްޒަފުން ހިމެނުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ ވަޒީފާއާ ބެހޭ ވުޒާރާއާއި، މާލީ ކަންކަން ބަލަހައްޓާ ވުޒާރާގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ވުޒާރާގެ މަންދޫބުންނެވެ.
މި ބަދަލުތައް ގެނެސްފައި މިވަނީ، ރިޓަޔާމަންޓް ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި އޮތް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، ސަރުކާރުގެ އާ ބޮންޑަކަށް އަލުން އިންވެސްޓުކުރަން ބޯޑުން ނިންމުމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
އެ ނިންމުމަކީ ފަންޑަށާއި މުޅި އިގުތިޞާދަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ބުނެ، އޭރު ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޑރ. އަޙްމަދު އިނާޒާއި، ސީއީއޯ ސުޖާތާ ޙަލީމް އަދި ސީއެފްއޯ ޙައްވާ ފަޖުވާގެ އިތުރުން ބޯޑު މެންބަރު ސަރުވަޝް އާދަމް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެ އިސްތިއުފާތަކާ ގުޅިގެން ބޯޑަށް ގެނައި ބަދަލުތަކުގެ ތެރެއިން މިހާރު ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދަވަނީ ޢަބްދުލްމަޖީދު ޢަލީ ކަމަށްވާއިރު، އިދާރީ ހިންގުން ހަރުދަނާކުރުމަށް ސީއީއޯގެ މަގާމަށް ވެސް ފަހުން ވަނީ އާ ބޭފުޅަކު އައްޔަނުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...