ޚަބަރު ހަތަރު މަހުގެ މުސާރަ ލިބޭ ޕެކޭޖާއެކު ފެނަކައިގެ 107 މުވައްޒަފަކު ވަޒީފާ ދޫކޮށްލައިފި

ހަތަރު މަހުގެ މުސާރަ ލިބޭ ޕެކޭޖާއެކު ފެނަކައިގެ 107 މުވައްޒަފަކު ވަޒީފާ ދޫކޮށްލައިފި

ހަތަރު މަހުގެ މުސާރަ ލިބޭ ޕެކޭޖާއެކު ފެނަކައިގެ 107 މުވައްޒަފަކު ވަޒީފާ ދޫކޮށްލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ފެނަކަ ކޯޕަރޭޝަނުން ތަޢާރަފުކުރި ޚާއްސަ ޢިނާޔަތުގެ ދަށުން، މިހާތަނަށް އެ ކުންފުނީގެ 107 މުވައްޒަފަކު ވަޒީފާ ދޫކޮށްލައިފިއެވެ.

މި ފުރުޞަތަކީ ކުންފުނީގެ އޯވަހެޑް ޚަރަދުތައް ކުޑަކޮށް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ބޭނުމުގައި، ޖޫން މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހުޅުވާލި ފުރުޞަތެކެވެ. އެ މުއްދަތު ހަމަވިއިރު 107 ފަރާތަކުން އެ ޕެކޭޖު އިޚްތިޔާރުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ނެރުއްވި ދެންނެވުމުގައިވާ ގޮތުން، ވަކިވާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޖުމުލަ ހަތަރު މަހުގެ މުސާރައެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ލިބެންޖެހޭ އެންމެހައި އިނާޔަތްތައް ވެސް އެ ފަރާތްތަކަށް ހަމަޖެހިގެންދާނެއެވެ.

ފެނަކައަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އަންނަ މައި ކުންފުންޏެވެ. ނަމަވެސް، ވޭތުވެދިޔަ ދައުރުގައި ކުންފުނީގެ ޙަޤީޤީ ބޭނުމަށްވުރެ އިތުރަށް ސިޔާސީ ނުފޫޒުން މުވައްޒަފުން ނެގުމުގެ ސަބަބުން، މުވައްޒަފުންގެ ޖުމުލަ އަދަދު ވަނީ 8،000 އަށް އަރައިފައެވެ.

މުވައްޒަފުންގެ އަދަދު އިތުރުވުމުގެ އިތުރުން، ކުންފުނީގެ މާލީ ދަރަނި އެތައް ބިލިއަން ރުފިޔާއަކަށް އަރައި، ކޮރަޕްޝަނާއި މަނީ ލޯންޑަރިން ފަދަ ބޮޑެތި މައްސަލަތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓްތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތަޙުޤީޤުތަކުން ވަނީ ފެންމަތިވެފައެވެ.

މި މައްސަލަތަކަށް ޙައްލެއް ހޯދައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެނަކަ އަލުން ބައްޓަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށްޓަކައި އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ ފިޔަވަޅުތައް ވެސް ހިމެނެއެވެ.

ކުންފުނިން ދެކޭގޮތުގައި ޚާއްސަ ޕެކޭޖެއް ދީގެން މުވައްޒަފުން މަދުކުރުމަކީ މުސާރައިގެ ބަޖެޓަށް ލުއިލިބި، ދިގު މުއްދަތަކަށް ކުންފުނީގެ މާލީ ހާލަތު އިޔާދަކުރުމަށް އެޅުނު އެދެވޭ ފިޔަވަޅެކެވެ.

ޓެގް

ފެނަކަ ކޯޕަރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.