އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށްގެންދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަށްރަށުގެ ކައުންސިލްތަކުގެ ޒަރީއާއިން ބައިވެރިވުމަށް ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މި މައުރަޒުގެ ވާދަކުރުމުގެ ބައިގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ގެނެވުނު އިސްލާހާއެކު، އަމިއްލަ ފަރުދުންގެ ދާއިރާއިން ބައިވެރިވާ ފަރާތްތަކަށް އެ މީހެއްގެ ދާއިމީ އެޑްރެސް ނިސްބަތްވާ ރަށެއްގެ ކައުންސިލާ ގުޅިގެން ތަކެތި ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސަވައިދީފައެވެ. ވަކިވަކި ފަރުދުންގެ ގޮތުން ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، ކައުންސިލްތައް މެދުވެރިކޮށް ބައިވެރިވާން އެދޭ ފަރާތްތަކަށް މިހާރު ވަނީ އިތުރު ފުރުސަތެއް ލިބިގެން ގޮސްފައެވެ.
ކައުންސިލްތަކާ ގުޅިގެން ހުށަހަޅާ އުފެއްދުންތަކަށް ލިބޭ މާކްސްއަށް ބެލުމަށްފަހު އެންމެ މޮޅު 1، 2 އަދި 3 ވަނަ ކައުންސިލް ހޮވުމަށް ހަމަޖެހިފައިވާއިރު، މުއްދަތު ހަމަވިއިރު ޖުމ්ލަ 700 އަށްވުރެ ގިނަ ފޯމު ވަނީ ލިބިފައެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު މައުރަޒުގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއްގެ ދަށުން އުފެއްދުންތައް ދައްކާލައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...