ޓެސްލާ އަދި ސްޕޭސްއެކްސްގެ ކުރީގެ ހިއްސާދާރު، އެމެރިކާގެ ބިލިއަނަރު ޓިމް ޑްރޭޕަރ ޓެންޒޭނިޔާގައި ތަރައްގީކޮށްފައިވާ އަމިއްލަ ރަށް ވިއްކާލަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
އާންމުކޮށް ރިއަލް އެސްޓޭޓް ވިއްކާ އެޖެންޓުން ބޭނުންކުރުމުގެ ބަދަލުގައި، އޭނާ މި ރަށް ވިއްކަން ނިންމީ ސޯޝަލް މީޑިއާ އެކްސް މެދުވެރިކޮށް ސީދާ އޭނާއަށް އަގު ހުށަހެޅޭނެ ގޮތަށް އީމެއިލް އެޑްރެސް އާންމުކޮށްގެންނެވެ.
އާއިލާއިން މިހާރު އެ ރަށަށް ގޮސް ނޫޅޭތީ ވިއްކާލަނީ ކަމަށް ބުނެފައިވާއިރު، 7.9 މިލިއަން ޑޮލަރަށް ވިއްކާލަން ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަށް ގަތުމަށް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޑްރޭޕަރ ބުންޏެވެ.
ޓެންޒޭނިޔާގެ މަޝްހޫރު ލޭކް ޓެންގަންޔީކާގައި އޮންނަ 110 އޭކަރުގެ “ލުޕީތާ އައިލެންޑް” އަކީ ލަގްޒަރީ ކޮޓެޖްތަކާއި ޕްރައިވެޓް ބީޗް އަދި ސްޕާ ހިމެނޭ ގޮތަށް ފުރިހަމަ ރިޒޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ރަށެކެވެ.
މި ރަށް ވިއްކާލަން އިއުލާނުކުރުމާ އެކު ޓެންޒޭނިޔާގެ ސަރުކާރުން ވަނީ، އެ ގައުމުގެ ގާނޫނުތައް އޮންނަ ގޮތުން ބޭރުގެ އެއްވެސް މީހަކަށް އެ ގައުމުގެ ބިން މިލްކު ނުކުރެވޭނެ ކަމަށާއި އެހެންކަމުން ބިމުގެ މިލްކުވެރިކަން ވިއްކުމުގެ ގާނޫނީ ހައްގެއް ޑްރޭޕަރަށް ނޯންނާނެ ކަމަށް ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...