ޓެކްނޮލޮޖީ ޓިމް ކުކް އިސްތިއުފާ ދެއްވުމާ ގުޅިގެން އެޕަލްގެ އައު ސީއީއޯގެ މަގާމަށް ޖޯން ޓާނަސް ހަމަޖައްސައިފި

ޓިމް ކުކް އިސްތިއުފާ ދެއްވުމާ ގުޅިގެން އެޕަލްގެ އައު ސީއީއޯގެ މަގާމަށް ޖޯން ޓާނަސް ހަމަޖައްސައިފި

ޓިމް ކުކް އިސްތިއުފާ ދެއްވުމާ ގުޅިގެން އެޕަލްގެ އައު ސީއީއޯގެ މަގާމަށް ޖޯން ޓާނަސް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ސްމާޓްފޯނު މާކެޓުގައި އެންމެ ކުރީގައި އޮތް އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމާ، އެ ކުންފުނީގެ ހާޑްވެއާ އިންޖިނިއަރިންގެ އިސްވެރިޔާ ޖޯން ޓާނަސް ހަވާލުވެވަޑައިގެންފިއެވެ. ޓާނަސް މި މަގާމާ ހަވާލުވެވަޑައިގަތީ އެޕަލްގެ ސްމާޓްފޯނު ވިޔަފާރި ވަރުގަދަކޮށް އޮތް ނަމަވެސް، ވާދަވެރި އެހެން ކުންފުނިތަކާ އަޅާބަލާއިރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ރޭހުގައި އެޕަލް ފަހަތުގައި އޮތް ދަނޑިވަޅެއްގައެވެ.

މި ބަދަލާއެކު، ފާއިތުވި 15 އަހަރު އެޕަލްގެ ހިންގުމުގައި ހުންނަވައި، އެ ކުންފުނީގެ ސަޕްލައި ޗެއިން ވަރުގަދަކޮށް ބިނާކުރެއްވި އޮޕަރޭޝަންސް މާހިރު ޓިމް ކުކްގެ ދައުރު ވަނީ ނިމުމަކަށް އައިސްފައެވެ. އޭނާގެ ބަދަލުގައި މި މަގާމަށް ވަޑައިގެންނެވި ޓާނަސް އަކީ އެޕަލްގެ ހާޑްވެއާ ޑިވެލޮޕްމަންޓް ކުރިއެރުވުމުގައި އެންމެ އިސްކޮށް އުޅުއްވި އިންޖިނިއަރެވެ.

އުމުރުން 51 އަހަރުގެ ޓާނަސް އެޕަލްގެ ޑިޒައިން ޓީމާ ގުޅިވަޑައިގަތީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން މަގާމުގެ ކުރިއެރުންތައް ހޯއްދަވައި، އޭނާ ވަނީ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ހާޑްވެއާ އިންޖިނިއަރިންގެ މަގާމުގައި ހުންނަވައިގެން އެޕަލްގެ މުޅި އުފެއްދުންތަކުގެ ލައިނަޕް ޑިވެލޮޕްކުރި ޓީމުތައް ބަލަހައްޓަވާފައެވެ.

މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ޓިމް ކުކް ވަނީ އޭނާގެ ބަދަލުގައި އައި ޓާނަސްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެ މެމޯގައި ކުކް ވިދާޅުވީ، ދުނިޔެ ބަދަލުކޮށްލާ ފަދަ އުފެއްދުންތައް އުފައްދަން ދަންނަ މީހުންގެ ތެރެއިން ޓާނަސް ފަދަ ފަރާތްތައް ވަރަށް މަދުވާނެ ކަމަށެވެ.

އައު ސީއީއޯގެ ހައިސިއްޔަތުން ޓާނަސްގެ ފުރަތަމަ އިމްތިހާނު ފެނިގެންދާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ އެޕަލްގެ އަހަރީ އިވެންޓުގައެވެ. މި ހަފުލާގައި އެޕަލްގެ އެންމެ ފުރަތަމަ ފޯލްޑަބަލް އައިފޯނު ނެރޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އަންގާރަ ދުވަހު ހުށަހެޅި ސެކިއުރިޓީސް ފައިލިންގއެއްގައިވާ ގޮތުން، ޓާނަސްގެ އަހަރީ އަސާސީ މުސާރައަކީ 3 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ކުރިން ކުކްއަށް ވެސް ދެމުން އައި އަސާސީ މުސާރައެވެ. އަދި ސްޓޮކް އޮޕްޝަންތަކާއެކު އޭނާގެ ފުރަތަމަ އަހަރުގެ ޖުމްލަ އާމްދަނީ 58 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

އެޕަލްގެ އެގްޒެކެޓިވް ބޯޑު ޗެއާމަންގެ މަގާމަށް ބަދަލުވެވަޑައިގަތުމާއެކު ކުކްގެ އަސާސީ މުސާރަ ވަނީ 2 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ. ނަމަވެސް ބޯޑު ޗެއާމަންގެ މަގާމުގައި ހުންނަވައިގެން ވެސް އެކި އެލަވަންސްތަކާއި ހިއްސާއާއެކު އޭނާއަށް އަހަރަކު 47 މިލިއަން ޑޮލަރާ ހަމައަށް އާމްދަނީ ލިބޭނެއެވެ.

އައު ސީއީއޯގެ މަގާމާ އެކު ޓާނަސްއަށް ދުނިޔޭގެ ޖިއޯޕޮލިޓިކަލް ގޮންޖެހުންތަކާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ. އެޕަލްގެ މައިގަނޑު އުފެއްދުންތައް އުފައްދާ ނެޓްވޯކް ޗައިނާގައި ހިފެހެއްޓުމަށްޓަކައި ކުކް ވަނީ ބެއިޖިންގ އަދި ވޮޝިންގޓަންގެ އިސްވެރިންނާއެކު ގިނަ އަހަރުތަކެއް ވަންދެން ގާތް ގުޅުމެއް ދަމަހައްޓަވާފައެވެ.

އެޕަލްއިން އިންޑިއާ އަދި ވިއެޓްނާމް ފަދަ ގައުމުތަކަށް އުފެއްދުންތެރިކަން ފުޅާކުރަން މަސައްކަތް ފެށި ނަމަވެސް، އަދިވެސް އުފެއްދުންތަކުގެ މައި މަރުކަޒަކީ ޗައިނާއެވެ. މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އައިފޯނު އުފައްދާ މަރުކަޒުތައް އެމެރިކާއަށް ބަދަލުކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.

ކުކް އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައި ހުންނަވައިގެން، ދުނިޔޭގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާ ގުޅުން ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރައްވާނެއެވެ. އެނަލިސްޓް ޑޭން އައިވްސް ފާހަގަކުރެއްވި ގޮތުގައި، ހާޑްވެއާގެ ގޮތުން އެޕަލް ޕާކުގެ ހުރިހާ ކަމެއް ޓާނަސްއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވި ނަމަވެސް، ދުނިޔޭގެ ސިޔާސީ އަދި ޑިޕްލޮމެޓިކް މައިދާނަކީ އޭނާ މަގާމުގައި ހުންނަވައިގެން އަލަށް ދަސްކުރައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ދާއިރާއެވެ.

ޓެގް

އެޕަލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.