ގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަނެ، ގައުމީ އިގުތިސާދު ހަމަމަގަށް އެޅުވޭނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންބޮޑުވުންތަކަށް އިޖާބަދީ، އެ ސިނާއަތުގެ އަޑު ސަރުކާރުން އަހައިގެން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ދިވެހިންގެ “ރަން ބިސް އަޅާ ކުކުޅު” ގެ ގޮތުގައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް ހީނަރުވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު ދިވެހި ކޮންމެ އާއިލާއަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިގުތިސާދުގެ މައިބަދަ ބިންދައިގެން ގޮސްފައިވާ ކަމަށްވެސް އޭނާ ސިފ ކުރެއްވިއެވެ.
މީގެއިތުރުން، ދައުލަތަށް ލިބޭ ބޭރު ފައިސާ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހަރަދުކުރުމުގެ ބަދަލުގައި، މި ސަރުކާރުން ބޮޑެތި ފަޅުތައް ހިއްކުމާއި، ޑްރޯންއާއި ބަރު ހަތިޔާރު ގަތުން ފަދަ ކަންކަމަށް އިސްކަންދެމުންދާ ކަމަށް ވިދާޅުވެ ޝާހިދު ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.
އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމަށާއި، މުރަނަ ސިޔާސަތުތަކުން ދުރުހެލިވެ، ސިނާއަތުގެ އަޑުއަހައިގެން އިގުތިސާދު ހިމާޔަތްކުރުމަށް ސަރުކާރަށް އިލްތިމާސް ކުރައްވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ފުނޑިގެން ދިއުމަކީ އެއްވެސް ރައްޔިތެއްގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...