އާއިލާގެ ތިޖޫރި ފަޅައި، 50 ލައްކަ ރުޕީސްއަށްވުރެ ގިނަ އަދަދެއްގެ ފައިސާއާއި ރަން ގަހަނާ ވަގަށް ނެގި މައްސަލައެއްގައި އިންޑިއާގެ އަސާމް ސްޓޭޓުން 25 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖޯރްހާތަށް އުފަން ޔަޝް ދަނޫކާ އަގަރްވާލް ކިޔާ ޒުވާނެކެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ މި ފައިސާގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ޕުބާލީ ދައްތާއަށް އެކި ކަންކަން ކޮށްދިނުމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ގޭގެ އެންމެން ބޭރުގައި އުޅުނު ވަގުތެއްގައެވެ. ޔަޝް ވަނީ ބައްޕަގެ ކޮޓަރީގައި ހުރި ތިޖޫރީގެ ތަޅު ހަލާކުކޮށްލައި، ވިޔަފާރީގެ ބޭނުމަށް ބަހައްޓާފައި ހުރި ބޮޑު އަދަދެއްގެ ނަގުދު ފައިސާއާއި ރަން ގަހަނާތައް ނަގައިގެން ފިލާފައެވެ.
ވައްކަމަށްފަހު އޭނާ ގުޖުރާތުގެ އަހުމަދާބާދަށް ފިލައިގެން ދިއުމުން، ފުލުހުންގެ ސައިބާ ސެކިއުރިޓީ ސެލް މެދުވެރިކޮށް ފޯނުގެ ސިގްނަލް ޓްރޭސްކޮށް އޭނާ އުޅޭ ތަން ވަނީ ދެނެގަނެފައެވެ. އެއަށްފަހު އޭނާގެ ބައްޕަ އެ ސިޓީއަށް ގޮސް ދަރިފުޅު އަނބުރާ ގެނެސް ފުލުހުންނާ ހަވާލުކުރީއެވެ.
ޖޯރްހާތު ސަދަރު ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދިން ގޮތުގައި، ކޯޓަށް ހާޒިރުކުރުމަށްފަހު މިހާރު ޔަޝް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މީޑިއާތަކަށް ދިން ބަޔާނެއްގައި ޔަޝް ބުނެފައިވަނީ، މިއީ އޭނާގެ ދެ ރަހުމަތްތެރިން ކަމަށްވާ ޖީތޫ ސޯމާނީ އަދި ރޯހިތު ޕްރަސާދުގެ އެދުމާއި އެހީތެރިކަމާއެކު ހިންގި އަމަލެއް ކަމަށެވެ. އަދި ތަޅު ހަލާކުކުރީ ތަޅު މަރާމާތުކުރާ މީހެއްގެ އެހީގައި ކަމަށާއި، ލޯބިވެރިޔާއާއެކު ޕާޓީކުރުމަށް 5 ލައްކަ ރުޕީސް ޚަރަދުކުރެވުނު ކަމަށް އޭނާ އެއްބަސްވިއެވެ.
ފުލުހުންގެ ތަހުގީގުން ހާމަވާ ގޮތުގައި ޔަޝް ވަނީ ލޯބިވެރިޔާއަށް 1.5 ލައްކަ ރުޕީސްގެ އަގުބޮޑު އައިފޯނެއް ގަނެދިނުމުގެ އިތުރުން ނަގުދު ފައިސާ ދީ، އަގުބޮޑެތި ރިސޯޓުތަކާއި ހޮޓާތަކުގައި ދުވަސްތައް ހޭދަކޮށްފައެވެ. މި މައްސަލައިގައި ލޯބިވެރިޔާއާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާގެ މައްޗަށް އަދި ރަސްމީކޮށް ދައުވާއެއް ނުކުރެއެވެ.
މި ޖަރީމާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އަދި ރަން ގަހަނާތައް ނައްތާލުމުގައި އެހީތެރިވި ކަމަށް ބެލެވޭ ޔަޝްގެ ދެ ރަހުމަތްތެރިން މިހާރު ވަނީ ފިލާފައެވެ.
ބާރަތިޔާ ނިޔާޔާ ސަންހިތާގެ ދަށުން މި މައްސަލަ ރަޖިސްޓްރީކޮށް، ފިލައިގެން އުޅޭ ދެމީހުން ހޯދުމަށާއި ވަގަށް ގެންދިޔަ މުދާ އަނބުރާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...