ދިވެހިރާއްޖޭގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިންތިހާއަށް އިތުރުވެ، އެންމެ ހަފުތާއެއްގެ ތެރޭގައި 39 މައްސަލައަކުން 4.5 ލައްކައަށްވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާކަން ހާމަވެއްޖެއެވެ.
މި ހިނގާ އޮގަސްޓު މަހުގެ 16 އިން 22 ގެ ނިޔަލަށް ރިޕޯޓުކުރެވުނު މައްސަލަތަކުގައި ގެއްލުނު 457,776 ރުފިޔާގެ ތެރެއިން، ކަމާބެހޭ އިދާރާތަކާއި ބޭންކުތަކުން ކުރި އަވަސް މަސައްކަތުން 222,755 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ މުޅި ޖުމްލަ ގެއްލުނު ފައިސާގެ 48.66 އިންސައްތައެވެ.
ފުލުހުންގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި މަކަރު ހެދި 13 މައްސަލައެކެވެ. މީގެ ތެރެއިން 95 އިންސައްތަ މައްސަލަ ހިންގާފައިވަނީ ސީދާ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސައްހަނޫން ޕޭޖުތަކާއި އެކައުންޓުތައް ބޭނުންކޮށްގެންނެވެ.
މީގެ އިތުރުން ކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގި 10 މައްސަލައަކާއި، ރައްޓެހިންނާއި އާއިލާގެ ނަމުގައި ގުޅައި އަދި މެސެޖުކޮށްގެން ހިންގި ފަސް މައްސަލައެއްވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި ބުކިންގ ކެންސަލްކުރުމާއި ރިފަންޑާ ގުޅުވައިގެން ހަތަރު މައްސަލައެއް އަދި އިންވެސްޓްމަންޓް ދެ ސްކޭމެއްވެސް ވަނީ ހުށަހެޅިފައެވެ.
މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން ގެންގުޅޭ އުކުޅުތައް ދުވަހެއް ދުވަހަކަށް ބަދަލުވަމުންދާތީ، އޮންލައިންކޮށް މުދާ ގަންނައިރު އެޑްވާންސްކޮށް ފައިސާ ނުދެއްކުމަށާއި މުދާ ލިބުމުން ފައިސާ ދައްކާ އުސޫލު ގެންގުޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު، ބޭރު ފައިސާގެ މުއާމަލާތްތައް އަބަދުވެސް ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖުތައް މެދުވެރިކޮށް ކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...