ބޭރުދުނިޔެ ހޯމްވޯކް މައްސަލައިގައި ޓީޗަރު ޖެހުމުން ހޭނެތިގެން ވެއްޓުނު 6 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ހޯމްވޯކް މައްސަލައިގައި ޓީޗަރު ޖެހުމުން ހޭނެތިގެން ވެއްޓުނު 6 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ހޯމްވޯކް މައްސަލައިގައި ޓީޗަރު ޖެހުމުން ހޭނެތިގެން ވެއްޓުނު 6 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ވިސާކަޕަޓްނަމްގައި ހުންނަ އަމިއްލަ ސްކޫލެއް ކަމަށްވާ “ލިޓްލް ގާޑަން ސްކޫލް” ގައި ހޯމްވޯކް ނުހަދައިގެން ޓީޗަރަކު އަނިޔާކުރި އުމުރުން 6 އަހަރުގެ ދަރިވަރަކު ކުލާސް ތެރެއަށް ވެއްޓި މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އެ ސްކޫލުގެ އެލްކޭޖީގައި ކިޔަވަމުންދިޔަ ޕްރަނޭ ތޭޖާ ނަމަކަށް ކިޔާ ކުޑަކުއްޖެކެވެ. އާއިލާއިން ބުނާ ގޮތުގައި ހޯމްވޯކް ފުރިހަމަނުކޮށް އޮތުމުން ޓީޗަރު ދަނޑިބުރިއަކުން ޖެހުމާއެކު، ބިރުންނާއި ލިބުނު ޝޮކުގައި ކުއްޖާ ވަނީ ކުއްލިއަކަށް ހޭނެތިގެން ތަޅުންގަނޑުމައްޗަށް ވެއްޓިފައެވެ.

ހާދިސާ ހިނގި ވަގުތު އެ ކުއްޖާ ވަގުތުން ކިންގް ޖޯޖް ހޮސްޕިޓަލް (ކޭޖީއެޗް) އަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފުރާނަ ގޮސްފައިވާ ކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނީ ކުއްޖާ މަރުވިތާ ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން ކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ.

ކުއްޖާގެ ބައްޕަ ކިޔައިދިން ގޮތުގައި، އެދުވަހު ހެނދުނު 8:00 ހާއިރު ހޭލައިގެން ސްކޫލަށް ދާން ބޭނުންވެގެން ގަދައެޅީ ކުއްޖާ އަމިއްލައަށެވެ. އަދި ކުރިއަށް އިމްތިހާނު އޮތުމާއެކު ފުރިހަމަ ސިއްހަތެއްގައި އެއްވެސް ބައްޔެއް ނެތި ހުއްޓާ ސްކޫލަށް ފޮނުވި ނަމަވެސް، މެންދުރު 12:00 އެހާކަންހާއިރު ކުއްޖާއަށް ކަމެއް ވެގެން އުޅޭކަމުގެ ޚަބަރު ލިބުނީ ބޭރު ބައެއްގެ ފަރާތުން ކަމަށާއި ސްކޫލުން އެއްވެސް މައުލޫމާތެއް ހިއްސާނުކުރާ ކަމަށް އޭނާ ބުންޏެވެ.

ސްކޫލުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޓީޗަރު އެ ކުއްޖާގެ ގައިގައި ޖެހުމާއެކު، ހިނދުކޮޅެއްގެ ތެރޭގައި ކުއްޖާ ހޭނެތިގެން ޓީޗަރުގެ އުނގުމައްޗަށް ވެއްޓެއެވެ. މި ހާދިސާއާ ގުޅިގެން ރުޅިގަދަވި އާއިލާގެ މީހުންނާއި އާންމުން ވަނީ ހޮސްޕިޓަލް ދޮށަށް އެއްވެ، މީގެ ކުރިންވެސް އެ ސްކޫލުގައި އެހެން ކުދިންނަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އިންސާފަށް ގޮވާލައި އަޑުއުފުލާފައެވެ.

މި މައްސަލައާ ގުޅިގެން ރެވެނިއު ޑިވިޝަނަލް އޮފިސަރު (އާރުޑީއޯ) ދިލީޕް ޗަކްރަވަރްތީ ވަނީ ހޮސްޕިޓަލަށް ވަޑައިގެން ހާދިސާގެ މައުލޫމާތު ސާފުކުރައްވާފައެވެ. އަންދުރަ ޕްރަދޭޝްގެ އެޑިއުކޭޝަން ޑިޕާޓްމަންޓުން މި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ރީޖަނަލް ޖޮއިންޓް ޑިރެކްޓަރާއި، ޑިސްޓްރިކްޓް އެޑިއުކޭޝަން އޮފިސަރު އަދި އާރުޑީއޯ ހިމެނޭ ތިން މެންބަރުންގެ ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

އެޑިއުކޭޝަން ޑިޕާޓްމަންޓުން ބުނި ގޮތުގައި ޓީޗަރުން ދަރިވަރުންނާ މެދު އޯގާތެރިކަމާއި އިންސާނިއްޔަތުކަމާއެކު މުއާމަލާތު ކުރުމަށް ބާރުއެޅުމުގެ ގޮތުން ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ހިތާމަވެރި ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.

މި މައްސަލަ ފުލުހުން މިހާރު ރަސްމީކޮށް ދަނީ ތަހުގީގު ކުރަމުންނެވެ. ކުއްޖާ މަރުވާން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ޓެގް

އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.