އިސްރާއީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ މުހިންމު ސަރަޙައްދެއް ކަމަށްވާ އީ-1 (E1) ގައި ޔަހޫދީ ވަޒަންވެރިންނަށް ޚާއްޞަކޮށްގެން ހިންގާ އާބާދީ ފުޅާކުރުމުގެ މަޝްރޫޢުގެ ބިޑްތައް އާންމުކުރުމާ ގުޅިގެން އިނގިރޭސިވިލާތާއި، ފްރާންސް، ޖަރުމަނުވިލާތް އަދި އިޓަލީން އެ ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
މި ހަތަރު ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން ކުރިއަށްގެންދަން އުޅޭ މި މަޝްރޫޢަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ހުޅަނގު އައްސޭރީގެ ބިންތައް ވަކިވެ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އޮތް ފުރުޞަތާއި ދެ ދައުލަތުގެ ހައްލަށް ސީދާ ގޮތުން ހުރަސްއެޅޭނެ ކަމަށެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަދާ ކޮންމެ ވަޒަންވެރި އާބާދީއަކީ ޣައިރު ޤާނޫނީ ތަނެއްކަން ހަނދާންކޮށްދެމުން، އެ ޤައުމުތަކުން ބުނީ މި ސްޓޭންޑަކީ އދ. ގެ ސަލާމަތީ މަޖިލީހުންވެސް ތަކުރާރުކޮށް ދަމަހައްޓަމުން އަންނަ އުޞޫލެއް ކަމަށެވެ.
އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، ވަޒަންވެރިން އިތުރުކުރުމާ ދެކޮޅަށް މުޅި ދުނިޔެ އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ކަމަށާއި، މިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާ ފާޅުގައާއި ނުރަސްމީކޮށްވެސް އެތައް ފަހަރަކު ހިއްސާކޮށްފައިވާނެ ކަމަށްވެސް އެ ޤައުމުތަކުން ފާހަގަކުރިއެވެ.
ޔޫރަޕުގެ ބާރުތަކުން ވަނީ ހުޅަނގު އައްސޭރީގެ މަސްރަޙު ގޯސްވަމުންދާ މިންވަރަށް އަލިއަޅުވާލައި، އާންމު ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ވަޒަންވެރިން ހިންގާ ލާއިންސާނީ ހަމަލާތައް އިންތިހާއަށް އިތުރުވެފައިވާތީއާއި، ފަލަސްޠީނުގެ އިޤްތިޞާދު އިނދަޖައްސާލުމަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިސްރާއީލުން މި މަޝްރޫޢުގެ ޕްލޭންތައް ވަގުތުން ބާތިލުކޮށް، ހުޅަނގު އައްސޭރީގައި އާބާދީތައް ފުޅާކުރުމަށް ކުރާ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އެ ޤައުމުތަކުން ވަނީ ގޮވާލާފައެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސުލްޙައިގެ ވާހަކަތަކަށް ހުރަސްއެޅުމުގެ އިތުރުން، ބައިނަލްއަޤްވާމީ ދުނިޔޭގައި އިސްރާއީލަށް އޮތް އިތުބާރާއި މަޤާމު އިތުރަށް ވެއްޓިގެންދާނެ ކަމަށްވެސް އިންޒާރުދިނެވެ.
މީގެއިތުރުން، އީ-1 މަޝްރޫޢުގެ އިމާރާތްކުރުމުގެ އެއްވެސް ބިޑެއްގައި ބައިވެރިނުވުމަށް ވިޔަފާރި ކުންފުނިތަކަށް އަންގަމުން އެ ޤައުމުތަކުން ވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ޤާނޫނީ ގޮތުންނާއި އެ ކުންފުނިތަކުގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ބުނެފައެވެ.
އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނުވިލާތް އަދި އިޓަލީން ވަނީ ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ، އިންޞާފުވެރި އަދި ދެމެހެއްޓެނިވި ޞުލްޙައެއް ހޯދުމަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...