ކުޅިވަރު ޔޫރަޕްގެ އެންމެ ގިނަ ލަނޑުޖެހުންތެރިޔާގެ އެވޯޑު ދެވަނަ ފަހަރަށް ހެރީ ކޭން އުފުލާލައިފި

ޔޫރަޕްގެ އެންމެ ގިނަ ލަނޑުޖެހުންތެރިޔާގެ އެވޯޑު ދެވަނަ ފަހަރަށް ހެރީ ކޭން އުފުލާލައިފި

ޔޫރަޕްގެ އެންމެ ގިނަ ލަނޑުޖެހުންތެރިޔާގެ އެވޯޑު ދެވަނަ ފަހަރަށް ހެރީ ކޭން އުފުލާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންއަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން، ޔޫރަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު (ޔޫރަޕިއަން ގޯލްޑަން ޝޫ) އިނާމު ދެވަނަ ފަހަރަށް ހޯދައިފިއެވެ.

މި އެވޯޑު ކޭން އަށް ލިބުނީ ނިމިދިޔަ ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކައި، ކުޅުނު 51 މެޗުން ޖުމްލަ 61 ލަނޑު ޖަހައިގެންނެވެ. މިއީ އޭނާ ބަޔާން މިއުނިކާ ގުޅުނު ފަހުން ޖެހިޖެހިގެން މި އެވޯޑު ކާމިޔާބުކުރި ދެވަނަ އަހަރެވެ.

އިނގިރޭސި ވިލާތުގެ ޓޮޓްނަމް ހޮޓްސްޕަރ ދޫކޮށް 2023 ވަނަ އަހަރު ޖަރުމަނު ލީގަށް ބަދަލުވި ކޭން ވަނީ ޓޮޓްނަމްގައި ހޭދަކުރި މުއްދަތުގައި އެ ކްލަބަށް 213 ލަނޑު ޖަހައިދީފައެވެ. ޓޮޓްނަމްގައި ތަށިތަކެއް ނުހޯދުމުގެ މާޔޫސްކަން އޮތްނަމަވެސް، ބަޔާން މިއުނިކަށް ބަދަލުވި ފަހުން އޭނާ އަންނަނީ ތަފާތު ބޮޑު ކާމިޔާބީތަކެއް ހޯދަމުންނެވެ.

ކްލަބް މެޗުތަކުގެ އިތުރުން ގައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުތަކާއެކު، މިދިޔަ މުޅި ސީޒަނުގައި ކޭން ވަނީ ޖުމްލަ 73 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ފުޓްބޯޅަ ކެރިއަރުގައި އޭނާ ދެއްކި އެންމެ ކާމިޔާބު އެއް ކުޅުމެވެ.

ބަޔާން މިއުނިކާއެކު ކޭން ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އޭނާގެ މުސްތަގުބަލާމެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ކްލަބާއެކު އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެވަނަ ފަހަރަށް ރަން ބޫޓު ހޯދުމަށްފަހު ވާހަކަދައްކަމުން ކޭން ބުނީ، ޖަރުމަނަށް ބަދަލުވުމަކީ އޭނާގެ ކުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ. އަދި މިވަގުތު އަލުން އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.


ޓެގް

ބުންޑަސް ލީގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.