ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ކުރިއަށްގެންދަނީ މި ސަރުކާރުން ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި އިސްލާމީ މަރުކަޒުތަކާއި، މިސްކިތްތަކުގެ އިތުރުން ވަޤުފު އިމާރާތްތައް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢުތަކެކެވެ. އެގޮތުން މި ސަރުކާރުން އަލަށް ފެށި މަޝްރޫޢުތަކުގެ އިތުރުން، ނިމިދިޔަ ސަރުކާރުން ފަށައި ހުއްޓިފައި ހުރި މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.
މިހާރުވެސް އިސްލާމީ ދާއިރާއާ ގުޅުންހުރި 81 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ހަނގުރާމަތަކާއި އިޤްތިޞާދީ ދަތިތަކުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް ސަރުކާރުގެ އަމާޒަކީ އެ ހުރިހާ މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާލުން ކަމަށެވެ.
ކުރީ ސަރުކާރުން ފެށި ބައެއް މަޝްރޫޢުތައް ލަސްވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ރިޔާސީ އިންތިޚާބާ ދިމާކޮށް ބަޖެޓުގައި ފައިސާ ނުހިމަނައި ގިނަ މަޝްރޫޢުތަކެއް ފެށުމާއި، ޤާބިލުކަން ނެތް ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމަކީ އޭގެ މައިގަނޑު ސަބަބު ކަމަށެވެ. ނަމަވެސް އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސައިގެން ނަމަވެސް މަސައްކަތްތައް ނިންމަވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...