މަޖިލީހުގެ ދައުރު ހިފެހެއްޓެނީ އިދިކޮޅު 13 މެންބަރުންގެ މަސައްކަތުން ކަމަށް ނާޒިލް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ދައުރުގައި ޖަލްސާތަކެއް ބޭއްވި، މަސައްކަތްތަކެއް ކުރިއަށްދަނީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ކުރައްވާ ހިތްވަރުގަދަ މަސައްކަތުން ކަމަށާއި، އެ ނޫން ނަމަ މަޖިލިސް އޮންނާނީ މުޅިން ހުއްޓިފައި ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވީ، ނިމިދިޔަ މަޖިލީހުގެ މަސައްކަތްތަކަށް ރައްޔިތުން “އޭ” އަދި “އޭ ޕްލަސް” ގެ ގްރޭޑެއް ދިން ނަމަވެސް، މިހާރުގެ މަޖިލީހުގެ ނަތީޖާ އުޅެނީ “ސީ ޕްލަސް” އާ ހިސާބުގައި ކަމަށެވެ. އަދި ވޭތުވެދިޔަ ތިން ހަފުތާގެ މަޖިލީހުގެ އެޖެންޑާ ބިނާވެފައިވަނީ ހަމައެކަނި އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ކުރަން ހުށަހެޅި ސުވާލުތަކަށް އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގައުމުގެ އިގްތިސާދީ ހާލަތަށް އަލިއަޅުވާލައްވަމުން ނާޒިލް ވިދާޅުވީ، މާލީ ދަތިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް އެމްޑީޕީގެ ސަރުކާރަކުން ކުރިއަށް ނުގެންދާނެ ކަމަށެވެ. އެގޮތުން ހަމައެކަނި ފަޅު ހިއްކުމަށް 250 މިލިއަން ޑޮލަރު އަދި ބޭރުތޮށިލާން 100 މިލިއަން ޑޮލަރު ހޭދަވާ އިރު، ބައިތުލްމާލުގައި ހުރި ފައިސާ ކަނޑަށް އަޅައި ހުސްކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ބޭރުން ޑޮލަރު ހޯދުމަށް މި ސަރުކާރު ނުކުޅެދިފައިވާ އިރު، މިފަދަ ދަތި ހާލަތެއްގައި ބޮޑެތި ޚަރަދުތައް ކޮށްގެން ޑްރޯންތަކާއި ބަރު ހަތިޔާރު ގަތުމާއި ޑްރޯން ޝޯތައް ބޭއްވުން ފަދަ ކަންކަން އެމްޑީޕީގެ ވެރިކަމެއްގައި ނުކުރާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ރަސްމާލެ ހިއްކުމުގައި ބޭނުންކުރާ ދެ ކޮނުމުގެ ބޯޓަށް ދުވާލެއްގެ މައްޗަށް ހަތަރުލައްކަ ޑޮލަރު ދައްކަންޖެހޭ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައިވާ މައްސަލައަށް އިޝާރާތް ކުރައްވަމުން، ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް 20،000 ރުފިޔާ ލިބޭއިރުވެސް ކޮމިޓީތައް ނުބޭއްވޭ ކަމުގެ ކަންބޮޑުވުން ނާޒިލް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ ވަޒީރުންނާ ސުވާލުކުރަން އެމްޑީޕީން ސަތޭކައަށްވުރެ ގިނަ ސުވާލު ހުށަހަޅާފައިވީ ނަމަވެސް މަޖިލީހުގެ ރިޔާސަތުން ވަޒީރުން ހާޒިރުކުރުމަށް ފަސްޖެހެމުންދާ ކަމަށެވެ.
