ޚަބަރުކުޅިވަރު

ޑެޝޯމްޕްސްއަށްފަހު ފްރާންސް ޓީމާއި ޒިދާން ހަވާލުވަނީ

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ރަންޒަމާނެއް ބިނާކޮށްދިން ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ދައުރު ނިމުމަކަށް އަންނައިރު، ޓީމުގެ ހިންގުމާ ހަވާލުވުމަށް އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން ތައްޔާރުވަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޑެޝޯމްޕްސްގެ ބަދަލުގައި ޒިދާން މި މަގާމާ ހަވާލުވާނީ މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ނިމުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނާއި ޒިދާނާ ދެމެދު މިކަމާ ގުޅޭގޮތުން އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައި އޮންނާތާ މިހާރު މަސްތަކެއް ވެއްޖެއެވެ. މި ބަދަލު ރަސްމީކޮށް އިއުލާނު ކުރުމަށް ބޭނުންވާ އެންމެ ފަހުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ދިގު މުއްދަތަކަށްފަހު ފްރާންސްގެ ކޯޗުކަމުން ވަކިވާ ޑެޝޯމްޕްސް ވަނީ 2026 ގެ ވޯލްޑް ކަޕަށްފަހު މަގާމުން ދުރުވާނެކަން މީގެ ކުރިންވެސް ކަށަވަރުކޮށްދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ. ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ސްޕެއިން އަތުން ބަލިވުމާ އެކު، އޭނާގެ ކޯޗިން ކެރިއަރު ނިންމާލަން ޖެހެނީ ތިންވަނަ ހޮވާ މެޗަށްފަހުއެވެ.

ޒިދާން ފްރާންސްގެ ކޯޗުކަމާ ހަވާލުވުމަކީ އޭނާ އެންމެ ކުރަން ބޭނުންވާ ވަޒީފާއަށްވާއިރު، މި ފުރުސަތަށް އިންތިޒާރު ކުރުމުގެ ގޮތުން އޭނާ ވަނީ ކްލަބްތަކުން ލިބުނު ބޮޑެތި ގިނަ ހުށަހެޅުންތަކަކަށް ފުރަގަސްދީފައެވެ. ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ފަހުން، 2021 ވަނަ އަހަރުން ފެށިގެން ޒިދާން ހުރީ އެއްވެސް ޓީމަކަށް އިރުޝާދުނުދީއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close