ޚަބަރު ފުޓްބޯޅަ ލާމަރުކަޒީ ކުރަނީ: އެފްއޭއެމްގެ ދަށުން ހަތަރު ސަރަހައްދީ އެސޯސިއޭޝަން އުފައްދަނީ

ފުޓްބޯޅަ ލާމަރުކަޒީ ކުރަނީ: އެފްއޭއެމްގެ ދަށުން ހަތަރު ސަރަހައްދީ އެސޯސިއޭޝަން އުފައްދަނީ

ފުޓްބޯޅަ ލާމަރުކަޒީ ކުރަނީ: އެފްއޭއެމްގެ ދަށުން ހަތަރު ސަރަހައްދީ އެސޯސިއޭޝަން އުފައްދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ފުޓްބޯޅަ ހިންގުން ލާމަރުކަޒީކޮށް ހަރުދަނާކުރުމަށްޓަކައި، އެފްއޭއެމްގެ ދަށުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތައް އުފެއްދުމަށް އެ އިދާރާގެ އެގްޒެކެޓިވް ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.

އަލަށް އުފެއްދުމަށް ނިންމާފައިވާ ހަތަރު އެސޯސިއޭޝަނަކީ ނޯތު، ސެންޓްރަލް، މާލެ އަދި ސައުތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަނެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

އެފްއޭއެމުން ބުނިގޮތުގައި މި ބަދަލާއެކު އެ ސަރަހައްދެއްގެ ލީގުތަކާއި މުބާރާތްތައް ރާވައި ހިންގުމުގެ ފުރިހަމަ ޒިންމާ އުފުލާނީ އެ ސަރަހައްދީ އެސޯސިއޭޝަނަކުންނެވެ. އެފްއޭއެމްގެ މައިގަނޑު ދައުރަކަށް ދެން ވާނީ ގައުމީ ޓީމުތަކުގެ ކަންކަން ބެލެހެއްޓުމާއި، މުޅި ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ޖުމްލަގޮތެއްގައި ވިލަރެސްކުރުމެވެ. މިއީ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) މަގާމާ ހަވާލުވުމުގެ ކުރިންވެސް ވަކާލާތު ކުރައްވަމުން ގެންދެވި މުހިންމު އިސްލާހެކެވެ.

އެފްއޭއެމްގެ އަމާޒަކީ މި ބަދަލުގެ ތެރެއިން އަތޮޅުތެރޭގައި ފުޓްބޯޅަ ފުޅާކޮށް، ގިނަ ރަށްތަކެއްގެ ބައިވެރިވުން އިތުރުކުރުންކަމަށް އެ އިދާރާއިން ވަނި ބުނެފައެވެ. މީގެ ކުރިން 2016 ވަނަ އަހަރު މިފަދަ ނިޒާމެއް ގާއިމުކުރުމަށް އަސާސީ ގަވާއިދުގައި ހިމެނި ނަމަވެސް، ކުރީގެ ލީޑާޝިޕުން އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ. މި އައު ސިސްޓަމްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

ޓެގް

އެފްއޭއެމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.