1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހަފުތާގައި ދިވެހި ކުންފުނިތަކާ ޙަވާލުކުރަނީ

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހަފުތާގެ ތެރޭގައި ދިވެހި ކުންފުނިތަކާ ޙަވާލުކުރުމަށް ސަރުކާރުން ނިންމާފިއެވެ.
ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، 100 އިންސައްތަ ދިވެހި 5 ކުންފުންޏަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި ކޮންމެ ކުންފުންޏަކުން 200 ޔުނިޓު ތަރައްޤީކުރާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ އެޕާޓްމަންޓްތަކަކީ މިހާތަނަށް ރާއްޖޭގައި ސޯޝަލް ހައުސިންގްގެ ދަށުން ހަދާފައިވާ ތަންތަނަށްވުރެ ޖާގަ ތަނަވަސް އަދި ފިނިޝިން ފުރިހަމަ ތަންތަނަށް ވާނެއެވެ. އެގޮތުން ކޮންމެ ކުންފުންޏަކުން ހަދާ 200 ޔުނިޓުގެ ތެރޭގައި ހިމެނެނީ 700 އަކަފޫޓުގެ 60 ދެ ކޮޓަރީގެ އެޕާޓްމަންޓާއި، 950 އަކަފޫޓަށްވުރެ ބޮޑު 140 ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. މި އިމާރާތްތައް ފަރުމާކޮށްފައިވަނީ އިމާރާތުގެ ކުރިމަތީގައި ހުސްޖާގަ އޮންނާނެހެން ތަފާތު ފަރުމާއަކަށެވެ.
މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރައްވައެވެ. މިހާރުވެސް ހުޅުމާލެ ފޭސް 1 އިން 3 ބިމަކާއި ވިލިމާލެއިން ބިމެއް ދިވެހި ކުންފުނިތަކާ ޙަވާލުކޮށްފައިވާއިރު، ޗައިނާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްފައިވާ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ނިމި، ހުއްދަތައް ލިބުނުހާ އަވަހަކަށް ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
