ޚަބަރު

ތާރީޚީ ވޯލްޑް ކަޕްގެ ހާފްޓައިމް ޝޯ އާއި ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ޕާފޯމްކުރަނީ

ޖޫން 11 ގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން، ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ބާއްވާ ފައިނަލް މެޗުގެ ހާފްޓައިމް ޝޯގައި ޕާފޯމް ކުރުމުގެ ފުރުސަތު ކޮލަމްބިއާގެ ޕޮޕް ތަރި ޝަކީރާއަށް ލިބިއްޖެއެވެ. ފީފާއިން ހުކުރު ދުވަހު މިކަން ރަސްމީކޮށް އިއުލާން ކުރިއިރު، ނިއު ޖާޒީގެ މެޓްލައިފް (MetLife) ސްޓޭޑިއަމްގައި ބާއްވާ ފައިނަލްގެ ހާފްޓައިމް ޝޯގެ އިތުރުން މުބާރާތުގެ ރަސްމީ ލަވަ “Dai Dai” ވެސް ހުށަހަޅައިދޭނީ އޭނާއެވެ. ބީބީސީ ސްޕޯޓްގެ ރިޕޯޓްތައް ބުނާގޮތުން މި ލަވައިގައި ނައިޖީރިއާގެ މަޝްހޫރު އާޓިސްޓް ބާނާ ބޯއި (Burna Boy) ވެސް ބައިވެރިވާނެއެވެ.

މުބާރާތް ހުޅުވުމުގެ ބޮޑު ޝޯ ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހު މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައެވެ. މި ޕާފޯމަންސް ފެށޭނީ މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާ ހުޅުވުމުގެ މެޗު ފެށުމުގެ 90 މިނެޓް ކުރިންނެވެ. މި ރަސްމިއްޔާތުގައި ޝަކީރާގެ އިތުރުން ކޮލަމްބިއާގެ ޖޭ ބަލްވިން (J Balvin) އާއި ސައުތު އެފްރިކާގެ ލަވަކިޔުންތެރިޔާ ޓައިލާ (Tyla) ވެސް ފެނިގެންދާނެއެވެ.

އިޓަލީ ބަހުން “ހިނގާ” ނުވަތަ “ކުރިއަށް” މި މާނަދޭ “Dai Dai” ލަވައިގެ އެއް މިނެޓްގެ ޓީޒާ ވީޑިއޯއެއް، އުމުރުން 49 އަހަރުގެ ޝަކީރާ ވަނީ މީގެ ކުރިން ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ހުރެ އިންސްޓަގްރާމް މެދުވެރިކޮށް އާންމުންނަށް ދައްކާލާފައެވެ. މި ލަވަ ރަސްމީކޮށް ނެރެފައިވަނީ މިދިޔަ މެއި މަހުގެ 14 ގައެވެ.

މިއީ ވޯލްޑް ކަޕެއްގެ ފޯރިއާ ޝަކީރާ ގުޅުނު ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައި “Hips Don’t Lie” ހުށަހަޅައިދީފައެވެ. އަދި 2010 ގެ ރަސްމީ އެންތަމް “Waka Waka” އިން ބޮޑު މަގުބޫލުކަމެއް ހޯދިއިރު، 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި “La La La” ވެސް އޭނާ ވަނީ ކުޅެފައެވެ.

ޝަކީރާ ބުނި ގޮތުގައި ކޮންމެ ވޯލްޑް ކަޕަކީވެސް ވަރަށް ޖާދޫވީ މުބާރާތެކެވެ. އަދި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން މިހާ ނާޒުކު ދަނޑިވަޅެއްގައި، މި މުބާރާތުގެ ޒަރީއާއިން މީހުން އެއްބައިވަންތަކުރުމަށް އަމާޒު ހިފާނެ ކަމަށް އޭނާ ހާމަކުރިއެވެ. މީގެ އިތުރުން “Dai Dai” ލަވައިން ލިބޭ ރޯޔަލްޓީގެ 100 އިންސައްތަ “ފީފާ ގްލޯބަލް ސިޓިޒަން އެޑިއުކޭޝަން ފަންޑު” އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށާއި، އެ ފަންޑުގެ އެހީގައި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި ކުދިންނަށް ތައުލީމާއި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޖުލައި 19 ގެ ނިޔަލަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ މި މުބާރާތަކީ 48 ޓީމު ބައިވެރިވާ، ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close