ޚަބަރު ޑިމޮކްރެޓްސް އާއި ލޭބާ ޕާޓީ އުވާލައިފި

ޑިމޮކްރެޓްސް އާއި ލޭބާ ޕާޓީ އުވާލައިފި

ޑިމޮކްރެޓްސް އާއި ލޭބާ ޕާޓީ އުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް ގާނޫނުން ލާޒިމުކުރާ ތިންހާސް މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އުވާލައިފިއެވެ.

އީސީން މި ގޮތަށް ނިންމެވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން މެންބަރުން ހަމަކުރުމަށް ދެވުނު މުއްދަތު ހަމަވިއިރުވެސް، ގާނޫނީ މިންވަރަށް މެންބަރުން ހަމަވެފައި ނުވާތީ، މިއަދުން ފެށިގެން އެ ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ރަސްމީ ދަފްތަރުން އުނިކުރުމަށްފަހުގައެވެ.

މި ދެ ޕާޓީގެ ތެރެއިން ދަ ޑިމޮކްރެޓްސް އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީއެކެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރި ނަމަވެސް، ފަހުން ރައީސް ނަޝީދާއި އެކު އެމްޑީޕީން ވަކިވި ގިނަ ލީޑަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އަދި “ބޮޑު ބަދަލު” ގެ ނަމުގައި ރައީސް ނަޝީދު މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކެމްޕެއިން ކުރައްވަމުން އަންނައިރު، ކުރިއަށް އޮތް 2028 ގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ދިނުމުގެ މަސައްކަތްތަކެއްވެސް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވާނެ ކަމަށާއި، އިތުރު އާ ސިޔާސީ ޕާޓީއެއް ނުއުފައްދަވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

މިއަދު އީސީން އުވާލި އަނެއް ޕާޓީ ކަމަށްވާ އެމްއެލްއެސްޑީޕީ އަކީ މީގެކުރިން 2023 ވަނަ އަހަރުވެސް އުވާލަން ނިންމި ޕާޓީއެކެވެ. ނަމަވެސް އެ ފަހަރު ޕާޓީ އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެ ޕާޓީ އަލުން ސިޔާސީ ދަފްތަރުގައި ހިމެނި ނަމަވެސް، ގާނޫނުލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މިއަދު މިވަނީ އަނެއްކާވެސް ދަފްތަރުން އުނިކޮށްފައެވެ.

ޓެގް

ޑިމޮކްރެޓްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.