ސަމާލުވޭ! ރީފަންޑެއް ދެނީ ކަމަށް ބުނެ ބުކިން ޑޮޓްކޮމްގެ ނަމުގައި އައު ސްކޭމެއް

ބުކިން ޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ފޭރުމަށް ހިންގާ އައު ހަރަކާތްތަކަކަށް އާންމުން ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
މި ސްކޭމްގައި މީހުންނަށް މެސެޖު ފޮނުވަނީ ފައިސާގެ ރީފަންޑެއް ދޭން އުޅޭ ކަމަށް ބުނެ، އޮޅުވާލައިގެން ބޭންކް ކާޑުގެ މައުލޫމާތު ހޯދުމަށްކަމަށް އެ އިދާރާއިން ބުންޏެވެ.
މި މެސެޖުތަކުގައި ފައިސާ ލިބޭނެ ކަމަށް ބުނެ “ފިޝިން ލިންކު” ތަކެއް ހިމަނާފައިވާއިރު، 24 ގަޑިއިރުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުކޮށްފިނަމަ ފުރުސަތު ގެއްލޭނެ ކަމަށް ބުނެ މީހުންނަށް އަވަސް އަރުވާލައިގެން މައުލޫމާތު ހޯދަން މަސައްކަތް ކުރެއެވެ. ފުލުހުން ބުނާ ގޮތުގައި މިއީ އެކައުންޓުގައި ހުންނަ ފައިސާ ވަގަށް ނެގުމަށް ސްކޭމަރުން ބޭނުންކުރާ ނުރައްކާތެރި އުކުޅެކެވެ.
އެހެންކަމުން، ނުދަންނަ ނަންބަރުތަކުން ފޮނުވާ މިފަދަ ލިންކުތަކަށް ނުފިތުމަށާއި، ކާޑުގެ މައުލޫމާތުގެ އިތުރުން އޯޓީޕީ (OTP) އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފައިސާއާ ގުޅޭ އެއްވެސް ކަމެއްގެ ސައްހަކަން ކަށަވަރުކުރަން ބޭނުންނަމަ، ހަމައެކަނި ރަސްމީ ވެބްސައިޓް ނުވަތަ އެޕްލިކޭޝަން ބޭނުންކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

